މާލޭގައި އުޅޭ ބުޅާތަކަށް ބޭސްދީ، އެ ބުޅާތައް ރަޖިސްޓްރީ ކުރަން ފަށައިފިއެވެ.
ބުޅާތައް ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ފަށާފައި މިވަނީ މާލޭގައި އުޅޭ ބުޅާތަކުގެ މެދުގައި ބައްޔެއް ފެތުރެމުން އަންނަ ދަނޑިވަޅެއްގައެވެ. ހަމައެކަނި ބުޅަލަށް ޖެހޭ މި ބައްޔަކީ ސަލާމަތް ވުމުގެ ފުރުޞަތު ވަރަށް ހަނި ބައްޔެކެވެ.
ބުޅާތަކަށް ބޭސް ދިނުމުގެ ޕްރޮގްރާމް ހިންގާ ފީލައިން ވެލްފެއާ އޮގަނައިޒޭޝަނުން ބުނީ ބުޅާތައް ރަޖިސްޓްރީ ކުރަން ފަށާފައިވަނީ މި ބަލިން ސަލާމަތްކުރުމަށް ބުޅާތަކަށް ބޭސް ދިނުމަށް ފަހުގައި ކަމަށެވެ.
މި ޕްރޮގްރާމް އިއްޔެ ފަށާފައިވާއިރު އެކަމަށްޓަކައި ޚާއްސަކޮށް ބޭއްވި ރަސްމިއްޔާތުގައި އެނިމަލް ވެލްފެއާގެ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ހަރަކާތުގެ ތެރެއިން މިނިސްޓަރ ވަނީ ބުޅަލަކަށް ބޭސް ދެއްވައި، "ގޯލްޑީ"ގެ ނަމުގައި ބުޅަލަކަށް ނަން ދެއްވައި ރަޖިސްޓްރީ ކުރައްވާފައެވެ.
ފީލައިން ވެލްފެއާއިން ބުނީ ކެއާ ފޮރ ޕޯޒް ޖަމިއްޔާއިން ހަދިޔާ ކުރި ބޭސްތައް ދީފައިވަނީ މޭރީ ބްރައުން ކުރިމަތީގައި އޮންނަ ޕާކިން ސަރަޙައްދަށް އެއްވާ ބުޅާތަކަށް ކަމަށެވެ. އެގޮތުން އިއްޔެ 80 ބުޅާ ރަޖިސްޓްރީ ކޮށްފައިވާ ކަމަށާއި، ރަޖިސްޓްރީ ކުރުމަށްފަހު ސީރިއަލް ނަންބަރަކާއެކު ބުޅަލުގެ ކަރުގައި ޓެގު އަޅުވާފައިވާނެ ކަމަށް އެ ވެލްފެއާއިން ބުންޏެވެ.
އާންމުކޮށް ބުޅާތައް އެއްވާ ސަރަޙައްދުތަކަށް އާންމުން ދާއިރު ސަމާލުވުމަށް ފީލައިން ވެލްފެއާއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ބުޅަލުގައި އަތް ލުމަށްފަހު ރަނގަޅަށް އަތް ދޮވުމަށް ސަމާލުކަން ދިނުމަށާއި ކުޑަކުދިން އެފަދަ ބުޅާތަކާއި ކައިރިކޮށް ނުގެންގުޅުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
މާލޭގައި އުޅޭ ބުޅަލުގެ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން ސަރުކާރުން މިހާރު އަންނަނީ ހުޅުމާލޭގައި ބުޅަލަށް ޚާއްސަ ފެސިލިޓީއެއް ހަދަމުންނެވެ.