ރާއްޖޭގެއަށް އެންމެ ފުރަތަމަ ގެނައި އިސްލާހީ މޫވްމެންޓާއެކު ވެރިކަމަށް އައި މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އަށާއި އެނޫންވެސް އެކި ސިޔާސީ ޕާޓީތަކަށް ޒަމާނުއްސުރެ ހަރަދު ކުރުމުގައި އުޅުއްވި ޝާޒް ވަލީދު ސިޔާސީ ކަންކަމަށް ހަރަދުކުރުން ހުއްޓަވާލައްވައިފިއެވެ.
ޝާޒް އަކީ އަބަދުވެސް އެކިގޮތްގޮތުން ސިޔާސީ ކަންކަމަށް އެހީތެރިވާ ވިޔަފާރިވެރިޔެކެވެ. އެނގިފައިވާ ގޮތުން ދަ ޑިމޮކްރެޓްސް އަށް ވެސް ޝާޒު ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދެއްވައެވެ.
އެމްޑީޕީގެ ވަރަށް އެތެރެއިން މައުލޫމާތު ލިބުނު ގޮތުގައި ޝާޒްގެ ފަރާތުން ކުރިޔަށް އޮތް ތަނުގައި އެމްޑީޕީއަށް އެހީތެރިކަމެއް ލިބިދާނެކަމަށް އުންމީދު ނުކުރައްވާއިރު ޑިމޮކްރެޓްސްގެ ބޭފުޅަކު ބުނީ އެ ޕާޓީއަށް އެހީ ނުވުމަށް ޝާޒް ކުއްލިޔަކަށް ނިންމަވާފައިވާކަން އެނގޭ ކަމަށާއި، ނަމަވެސް، އެ ނިންމުން ނިންމި ސަބަބެއް ރަސްމީކޮށް ދަ ޑިމޮރެޓްސްއަށް ޝާޒު އަންގަވާފައި ނުވާ ކަމަށެވެ.
މިކަމާއި ގުޅިގެން، މުޅި ދުނިޔޭގެ ނަން ހިނގާ ރަޝިއާގެ ރިސޯޓް ހޮލިޑޭގެ ވެރިޔާ (ރާއްޖޭގެ ޝާޒް ވަލީދު)އަށް ޚުލާސާއިން ގުޅުމުން އޭނާ ވިދާޅުވީ އެމްޑީޕީއަށް ވެސް ދަ ޑިމޮކްރެޓްސް އަކަށް ވެސް އަދި އެނޫން ބަޔަކަށް ވިޔަސް ސިޔާސީ ގޮތުން ވަގުތު ދިނުން ހުއްޓަލީ ކަމަށެވެ.
އަޅުގަނޑުމެންގެ ނޫސްވެރިޔާ ދެވަނަފަހަރަށް ވެސް ސުވާލު ތަކުރާރު ކުރެއްވިއެވެ. “އެމްޑީޕީއަށް މާލީގޮތުން އެހީވުން ވެސް ހުއްޓަލީތޯ” އޭ ދެންނެވުމުން ޝާޒް ވިދާޅުވީ “ލައްބަ”އެވެ.
އިތުރު ތަފްސީލަކަށް ދިޔުމަށް އަޅުގަނޑުމެން ވަރަށް ބޮޑަށް ޝާޒްގެ ގާތުގައި ދެންނެވުމުން އޭނާ ވިދާޅުވީ ސިޔާސީ ޕޯޑިއަމް ތަކަށް އަރައި މިހާރު ގިނަ ބަޔަކު ދައްކާ ވާހަކަތައް ވަކި ހިސާބަކުން ކޮންޓުރޯލުން ނެއްޓި ދީނުގައި ހުއްދަ ނޫން ދަރަޖައަށް ވެސް ހިނގަމުންދާ ކަމަށާއި، އެހެންކަމުން އެފަދަ ޢަމަލުތަކަށް ތަރުހީބުދޭން ބޭނުން ނުވާކަމަށެވެ.
“އެއް ރައީސަކު އަނެއް ރައީސަށް، ނުވަތަ އެއް މެންބަރަކު އަނެއް ޕާޓީގެ މީހަކާއި ދިމާލަށް ވިޔަސް އެއްޗެހިގޮވައި ޕޯޑިއަމްތަކުގައި މިހާރު ނުކިޔާ އެއްޗެއް ނުހުރޭ ނޫންތޯ؟ ތިބޭފުޅުންނަށް މާރަނގަޅަށް އެނގިލައްވާނެ… އަބުރާއި ބެހުމަށް އަޅުގަނޑު ތާއީދެއް ނުކުރަން. އަޅުގަނޑު އެފަދަ ކަމަކަށް ތަރުހީބުދޭން ދަ ޑިމޮކްރެޓްސް އަކަސް، އެމްޑީޕީއަކަސް އަދި އެހެން ސިޔާސީ ޕާޓީއަކަށް ވިޔަސް ދެނެއް މާލީ ގޮތުން އެއްވެސް އެހީތެރިކަމެއް ނުވާނަން. ކުރިޔަށް އޮތްތަނުގައިވެސް ނުވާނަން” ޝާޒް ވިދާޅުވިއެވެ.
ޝާޒް އަކީ މިހާރު ވެސް ރޮހިންޔާ، ފަލަސްޠީން ފަދަ ޙާލުގައި ޖެހިފައިވާ މުސްލިމު އަޚުންނާއި އުޚްތުންނަށް އެހީތެރިވުމަށް މަސައްކަތްކުރާ ބޭފުޅެއް ކަމަށް ޚުލާޞާއަށް ވަނީ ކަށަވަރު ވެފައެވެ. މި ރަމަޟާންމަހު ވެސް ކޮންމެ ދުވަހަކު ޣައްޒާގެ 500 މީހުންނަށް ޝާޒް ވަލީދު ގެންދަނީ ކާންދެމުންކަން ޚުލާޞާ އަށް އެނގިފައި ވެއެވެ.
މީގެ އިތުރުން މިހާރު ވެސް ކުޑަކުދިންގެ ޑޮކްޓަރުކަން ކިޔަވާ ފަރާތަކަށާއި އަދި އެހެން ދިވެއްސަކަށް ޕީއެޗްޑި ފެންވަރަށް ކިޔަވައިދިނުމަށް ޝާޒް ގެންދަވަނީ އަމިއްލަ ޚަރަދުގައި އެހީތެރިވަމުންނެވެ. މީގެ އިތުރުން މި ރޯދަމަހު ސިއްރިޔާތުގައި ރާއްޖޭގެ އެކި ރަށްރަށަށް ކަދުރު ފޮނުވުމުގެ އިތުރުން މިއަހަރު 21 މީހަކު ޢުމްރާއަށް ވެސް ފޮނުވިއެވެ.
ޚުލާސާއިން އެ ވާހަކަތައް އެހުމުން ޝާޒް ވިދާޅުވީ އެ ވާހަކަ އޭނާ ދައްކަން ބޭނުން ނުވާ ކަމަށެވެ. މިފަދަ އެހީތެރިކަން ވެދެއްވަމެއްނޫންތޯ ޚުލާޞާއިން ސުވާލު ކުރުމުން ޝާޒް އެކަން ދޮގެއްވެސް ނުކުރައްވައެވެ. “ތިވާހަކަ ހުއްޓާލާ” (އަޅުގަނޑުމެންގެ ސުވާލަށް ޖަވާބު ނުދޭންވެގެން ޝާޒް ވިދާޅުވިއެވެ).