ޓާރޝަރީ ފެންވަރަށް ތަރައްގީކުރާހޮސްޕިޓަލްތަކުން މާލެއިން ލިބޭ ގިނަ ހިދުމަތްތައް ލިބޭނެ ކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ހެލްތު ސައިންސަސް، ޑރ. އަހުމަދު އަޝްރަފު މިއަދު ވިދާޅުވެއްޖެ އެވެ.
ޓާޝަރީ ފެންވަރަށް ހިދުމަތް ދިނުމަށް ޅ. އަތޮޅު ހޮސްޕިޓަލާއި ރ. އުނގޫފާރު ހޮސްޕިޓަލް އަދި ތިނަދޫ ޑރ. އަބުދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލް ތަރައްގީކުރުމަށް ކުންފުނިތަކާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތަށް ފަހު މީޑިއާތަކަށް ޑރ. އަޝްރަފް ވިދާޅުވީ ޓާޝަރީ ފެންވަރަށް ތަރައްގީކުރާ އެ ހޮސްޕިޓަލްތަކުން މާލެއިން ލިބޭ ހިދުމަތްތައް ލިބޭނެ ކަމަށާއި އެ ހޮސްޕިޓަލްތައް ތަރައްގީކުރުމުން މާލެއަށް ފޮނުވަން ޖެހޭ މީހުން މަދުކޮށް ބަލި މީހުންނަށް އެ ސަރަހައްދަކުން އަވަހަށް ފަރުވާ ލިބޭނެ ކަމަށެވެ.
ޑރ. އަޝްރަފު ވިދާޅުވީ ގިނަ ރަށްރަށުން މާލެއަށް މީހުން ފޮނުވަން ޖެހޭ މައްސަލަތަކުގެ ތެރޭގައި ހިތާއި ކިޑްނީ އަދި ނާރުގެ ބަލިތައް ހިމެނޭ ކަމަށެވެ. ޓާޝަރީ ފެންވަރުގައި މި ހޮސްޕިޓަލުތައް ތަރައްގީކުރަނީ އެ ހިދުމަތްތައް ލިބޭނެ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
މި މަސައްކަތް ނިމުމުން ފަރުވާ ހޯދުމަށް ކޮންމެ ފަހަރަކު މާލެ އަންނަ މީހުންގެ އަދަދު މަދުކުރެވޭނެ ކަމަށް ޑރ. އަޝްރަފު ވިދާޅުވި އެވެ.
ސަރުކާރުގެ ވިސްނުމަކީ އެކި ސަރަހައްދުގެ ހޮސްޕިޓަލުތައް އެކި ބަލިތަކަށް ހާއްސަ ހޮސްޕިޓަލުތަކުގެ ގޮތުގައި ތަރައްގީކުރުން ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.