މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް ހަރުކަށި އިންޒާރެއް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން ދެއްވައިފިއެވެ. ރައްޔިތުންގެ މަޖިލީހުގައި ވަޒީރު ވިދާޅުވީ އެފަދަ ފަރާތްތަކުން އެކަން ވަގުތުން ހުއްޓާލަންވާނެ ކަމަށާއި، ހުއްޓާނުލައިފިނަމަ ހައްޔަރުކޮށް މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ ސަލާމަތް ކުރައްވާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައަކީ ފާއިތުވި 30 އަކަށް އަހަރުގެ ތެރޭގައި ރާއްޖޭގައި ބޮޑުވެފައިވާ މައްސަލައެއް ކަމަށެވެ. އަދި އެ މައްސަލަ ޙައްލުކުރުމަށް މި ސަރުކާރުން އަމާޒު ހިފައިގެން މަސައްކަތްކުރައްވާ ކަމަށާއި، މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށް ވިދާޅުވިއެވެ.
ދާޚިލީ ވަޒީރު އިތުރަށް ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ފުރަތަމަ ޓާގެޓް ކުރަނީ އެތަކެތީގެ ވިޔަފާރިކުރާ މީހުންނަށް ކަމަށެވެ. އެކި ސަރަހައްދުތަކުގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް ފާރަލައި، ތަހުގީގުކޮށް، ހައްޔަރުކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި މި މަސައްކަތަށް ފުރިހަމަ ކަމެއް ލިބިގެންދާނީ މަސްތުވާތަކެތީގެ ޤާނޫނު ފާސްވުމުން ކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ މިހާރުވެސް މަސްތުވާކެތި ވިއްކުމުގެ ވިޔަފާރި ކުރާ ބަޔަކު ހައްޔަރު ކުރުމުގެ މަސައްކަތް ރާއްޖޭގެ ދެ ސަރަހައްދެއްގައި ކުރިއަށްދާ ކަމަށެވެ. އެ ވިޔަފާރި ހުއްޓާނުލާނަމަ ހައްޔަރުކޮށް، ރާއްޖެ ސާފު ކުރާނެކަމުގެ އިންޒާރު ވަޒީރު ދެއްވިއެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ވިދާޅުވީ މި ސަރުކާރުގެ ފަސް އަހަރުގެ ދައުރު ނިމޭއިރު މަސްތުވާތަކެތީގެ މައްސަލައަށް ޖުމްލަ ޙައްލެއް ގެންނަވާނެ ކަމަށެވެ.