ސިއްހީ ހިދުމަތްދޭ ތަންތަނުގެ ޖާގަ އިތުރުކުރުމުގެ 60 މަޝްރޫއެއް މި އަހަރު ކުރިއަށް ގެންދާނެ: މިނިސްޓަރު

އަހްމަދު އީޒާން | 18 ގަޑިއިރު ކުރިން - 23 އޭޕްރިލް 2025 15:12
ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް / ފޮޓޯ: ހެލްތު މިނިސްޓްރީ
ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް / ފޮޓޯ: ހެލްތު މިނިސްޓްރީ
ޚުލާސާ

މި ވަގުތު ވެސް 19 ހޮސްޕިޓަލާއި 15 ސިއްހީ މަރުކަޒުގެ އާ އިމާރާތް އަދި އެ ތަންތަނުގެ ޖާގަ އިތުރުކުރަން 21 މަޝްރޫއެއް އަންނަނީ ހިންގަމުން.

ރާއްޖޭގެ 24 ރަށެއްގައި އާ ހޮސްޕިޓަލު އިމާރާތް އެޅުމާއި ފަސް ސިއްހީ މަރުކަޒަކާއި ސިއްހީ ހިދުމަތްދޭ އެހެން ތަންތަނުގެ ޖާގަ އިތުރުކުރުމުގެ 60 މަޝްރޫއެއް މި އަހަރު ކުރިއަށް ގެންދާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެ އެވެ.

ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި ގދ. ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް އަދި ޅ. ނައިފަރު ހޮސްޕިޓަލް ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ނާޒިމް ވިދާޅުވީ މި ވަގުތު ވެސް 19 ހޮސްޕިޓަލާއި 15 ސިއްހީ މަރުކަޒުގެ އާ އިމާރާތް އަދި އެ ތަންތަނުގެ ޖާގަ އިތުރުކުރަން 21 މަޝްރޫއެއް ހިނގަމުން އަންނަ ކަމަށެވެ.

އެ ތަންތަނުގެ ތެރެއިން ބައެއް ތަންތަނުގައި މަސައްކަތް ފެށުމަށް މިހާރު ތަކެތި މޮބިލައިޒްކުރަމުން އަންނަ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

"ރައީސްގެ ވަރަށް މުހިންމު ތަސައްވުރެއް އަތޮޅުތެރޭގެ ސިއްހީ ހިދުމަތް ފުޅާކޮށް، ހާއްސަކޮށް ރީޖަނަލް ހޮސްޕިޓަލްތައް ޓާޝަރީ ލެވެލްއަށް ހިދުމަތްތައް ބަދަލުކުރުން. އެ ތަންތަނަށް ސަބް-ސްޕެޝަލިޓީގެ ހިދުމަތްތައް ތައާރަފުކުރަން އެބަ ޖެހޭ. އެގޮތުން ނެފްރޮލޮޖީ، ކާޑިއޮލޮޖީ، ކެތު ލެބު ފަދަ ހިދުމަތްތައް އަންނާނެ ގޮތަށް ޓާޝަރީ ފެންވަރަށް އެ ތަންތަން ތަރައްގީކުރެވިގެންދާނެ." ނާޒިމް ވިދާޅުވި އެވެ.

ސަރުކާރުގެ ވިސްނުމަކީ އެކި ސަރަހައްދުގެ ހޮސްޕިޓަލުތައް އެކި ބަލިތަކަށް ހާއްސަ ހޮސްޕިޓަލުތަކުގެ ގޮތުގައި ތަރައްގީކުރުން ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%