ތުރުކީވިލާތަށް އިއްޔެ 129 ބިންހެލުމާއި އާފްޓަޝޮކް، 359 މީހުން ޒަހަމް ވެއްޖެ

އައިޝަތު އީމާން | 4 ގަޑިއިރު ކުރިން - 24 އޭޕްރިލް 2025 05:23
އިސްތަންބޫލަށް އިއްޔެ އައި ބިންހެލުންތަކުގެ ސަބަބުން ސަލާމަތްވުމަށް މީހުންތައް ތިބީ މަގުމަތީގައާއި ޕާކުތަކުގައި - އެއްވެސް މީހަކު މަރެއް ނުވޭ.
އިސްތަންބޫލަށް އިއްޔެ އައި ބިންހެލުންތަކުގެ ސަބަބުން ސަލާމަތްވުމަށް މީހުންތައް ތިބީ މަގުމަތީގައާއި ޕާކުތަކުގައި - އެއްވެސް މީހަކު މަރެއް ނުވޭ.
ޚުލާސާ

އިއްޔެގެ ބިންހެލުމަކީ 1999 ގެ އިޒްމިތް ކާރިސާއަށްފަހު އިސްތަންބޫލަށް އައި އެންމެ ވަރުގަދަ ބިންހެލުން.

ތުރުކީވިލާތަށް އިއްޔެ އައި ބިންހެލުމަށްފަހު، 24 ގަޑިއިރުގެ ތެރޭގައި ޖުމްލަ 130 ބިންހެލުމާއި އާފްޓަރޝޮކް އައިސްފި ކަމަށް އެގައުމުން ބުނެފިއެވެ. ތުރުކީގެ ޑިޒާސްޓަރ އެންޑް އެމަރޖެންސީ މެނޭޖްމަންޓް އޮތޯރިޓީ (އަފާދު) އިން ބުނާގޮތުގައި، މައި ބިންހެލުން އައީ މަރްމަރާ ކަނޑުގައި، ސިލިވްރީގެ ދެކުނުން ގާތްގަނޑަކަށް 28 ކިލޯމީޓަރު ދުރުގައި، މެންދުރުފަހު 12:49 ގައެވެ. މި ބިންހެލުމުގެ ބާރުމިނަކީ ރިކްޓަރ މިންގަނޑުން 6.2 އެވެ.

އިއްޔެ ފުރަތަމަ ބިންހެލުމާއެކު އިސްތަންބޫލްގެ ރައްޔިތުން ގެދޮރުން ނުކުމެ ހުސް ބިންތަކަށް އެއްވަފައި ތިބި މަންޒަރު: ބިންހެލުމާއެކު ބިރުން އިމާރާތްތަކުން ވެސް އެއްބަޔަކު ފުންމާލާފައިވޭ.

13 ސިކުންތު ވަންދެން ދެމިގެންދިޔަ މި ބިންހެލުމުގެ އަސަރު ދިވެހިން އާންމުކޮށް ގޮސް އުޅޭ ސަރަހައްދުތަކަށް ކުރިއިރު އޭގެތެރޭގައި އިސްތަންބޫލާއި ޓެކިރްދާޣް، ބުރްސާ، ކޮޖާއެލީ އަދި ސަކާރިޔާ ފަދަ ސަރަހައްދުތަކުގައި ވަރަށް ބޮޑަށް ކޮށްފައިވެއެވެ. އަފާދުން ބުނީ މައި ބިންހެލުމަށްފަހު، 129 އާފްޓަރޝޮކް ރެކޯޑުކުރެވުނެވެ. މީގެ ތެރެއިން ދެ އާފްޓަރޝޮކްގެ ބާރުމިން 5.0 އަށްވުރެ މަތިވެފައިވެއެވެ. މި ދެ އާފްޓަރޝޮކް އައީ އެ ގައުމުގެ ގަޑިން އިއްޔެ މެންދުރު 13:02 އާއި 15:12 ގައެވެ.

ޔޫއެސް ޖިއޮލޮޖިކަލް ސަރވޭ (ޔޫއެސްޖީއެސް) އާއި ޔޫރަޕިއަން-މެޑިޓެރޭނިއަން ސައިސްމޮލޮޖިކަލް ސެންޓަރ (އީއެމްއެސްސީ) ފަދަ ބައިނަލްއަޤްވާމީ މޮނިޓަރިންގ އޭޖެންސީތަކުން ވެސް މައި ބިންހެލުމުގެ ވަރުގަދަކަމާއި އެ އައި ސަރަހައްދު ކަށަވަރުކޮށްދީފައިވެއެވެ.

އިއްޔެ ތުރްކިއޭގެ އިސްތަންބޫލަށް ލޮޅުން އެރި ބާރުގަދަ ބިންހެލުންތައް އައި ސަރަހއްދު. ބިންހެލުން އައީ ކަނޑު އަޑިން.

މި ބިންހެލުމުގައި މީހަކު މަރު ނުވި ނަމަވެސް، 359 މީހުން ޒަޚަމްވެފައިވެއެވެ. މި މީހުން ޒަޚަމްވެފައިވަނީ ބިރުން އިމާރާތްތަކުން ފުންމައިގެންނެވެ. އިސްތަންބޫލްގެ ފާތިހް ސަރަހައްދުގައި ހުރި ބޭނުން ނުކުރާ އިމާރާތެއް ވެސް ވަނީ އެއްބައި ވެއްޓިފައެވެ.

އިއްޔެގެ ބިންހެލުމަކީ 1999 ގެ އިޒްމިތް ކާރިސާއަށްފަހު މަރްމަރާ ސަރަހައްދަށް އައި އެންމެ ވަރުގަދަ ބިންހެލުމެވެ. އެފަހަރުގެ ބިންހެލުން އައީ ރިކްޓަރ މިންގަނޑުން 7.6 ގެ ބާރުމިނުގައެވެ. އެފަހަރު އިސްތަންބޫލަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. މި ބިންހެލުމުގައި ގާތްގަނޑަކަށް 17,000 މީހުން މަރުވެ، 50,000 އަށްވުރެ ގިނަ މީހުން ޒަޚަމްވިއެވެ.

އެންމެ ފަހުން، 2023 ވަނަ އަހަރުގެ ފެބްރުއަރީ 6 ވަނަ ދުވަހު، ތުރުކީވިލާތުގެ ދެކުނު އިރުމަތީގައި ހުންނަ ކަހްރަމަންމަރާޝް ކައިރީގައި ވެސް ރިކްޓަރ ސްކޭލްގައި 7.8 އަދި 7.5 ގެ ބާރުމިނުގައި ދެބިންހެލުން އައެވެ. މި ކާރިސާގައި ތުރުކީވިލާތުން އެކަނި 50,000 އަށްވުރެ ގިނަ މީހުން މަރުވެ، 107,000 އަށްވުރެ ގިނަ މީހުން ޒަޚަމްވިއެވެ. މިއީ މިޒަމާނުގެ ތުރުކީވިލާތުގެ ތާރީޚުގައި އެންމެ ގިނަ މީހުން މަރުވި ކާރިސާތަކުގެ ތެރެއިން އެއް ކާރިސާއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%