އަނެއްކާވެސް ދިވެއްސަކަށް ޔަންގް ގްލޯބަލް ލީޑަރުގެ އެވޯޑް ލިބިއްޖެ، މިފަހަރު އައިޝާ ނޫރައިން ޖަނާހަށް

ހުސައިން އިސްމާއިލް | 1 ދުވަސް ކުރިން - 17 އޭޕްރިލް 2025 03:19
ޔަންގް ގްލޯބަލް ލީޑަރ އެވޯޑް ލިބުނު ތިން ދިވެހިން، ކަނާތުން ވާތަށް: ޢާއިޝާ ޖަނާހް (2025)، އާމިނަތު ޝައުނާ (2020) އަދި ފާޠިމަތު ދިޔާނާ (2012)
ޔަންގް ގްލޯބަލް ލީޑަރ އެވޯޑް ލިބުނު ތިން ދިވެހިން، ކަނާތުން ވާތަށް: ޢާއިޝާ ޖަނާހް (2025)، އާމިނަތު ޝައުނާ (2020) އަދި ފާޠިމަތު ދިޔާނާ (2012)
ޚުލާސާ

ނޫރައިންގެ ކުރިން މި އެވޯޑް ލިބިވަޑައިގެންނެވީ ފާޠިމަތު ދިޔާނާ އަށާއި އާމިނަތު ޝައުނާ އަށް.

ވޯލްޑް އިކޮނޮމިކް ފޯރަމް (ޑަބްލިއު.އީ.އެފް) އިން 2025 ވަނަ އަހަރުގެ ޔަންގް ގްލޯބަލް ލީޑަރ (ވައި.ޖީ.އެލް) ގެ ގޮތުގައި ހޮވުނު 116 މީހުންގެ ތެރޭގައި ރާއްޖޭގެ ޢާއިޝާ ނުރައިން ޖަނާޙް ހިމެނިއްޖެއެވެ. މިއީ މި ޝަރަފުވެރި މަޤާމަށް ހޮވުނު ތިންވަނަ ދިވެއްސެވެ.

ޢާއިޝާ ނޫރައިން ޖަނާޙް އަކީ ދެކުނު އޭޝިއާގައި ތިމާވެށި ހިމާޔަތްކުރުމާއި، ސަޤާފަތް ދެމެހެއްޓުމަށް މަސައްކަތްކުރާ ކަނޑޫފާ ފައުންޑޭޝަންގެ ބާނީއާއި ޗެއަރއެވެ. އޭނާ މީގެ ކުރިން މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސް (އެމް.އެމް.ޕީ.އާރް.ސީ) އާއިވެސް ޙަވާލުވެގެން ހުންނެވިއެވެ.

ޢާއިޝާގެ ކުރިން މި އެވޯޑް ލިބިވަޑައިގަތް ދެ ދިވެހި އަންހެނުންނަކީ ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލްކަން ކުރައްވާފައިވާ މަޝްހޫރު ޤާނޫނީ ވަކީލާ ފާތިމަތު ދިޔާނާ ސަޢީދު އާއި ކުރީގެ ތިމާވެށްޓާއި، މޫސުމަށް އަންނަ ބަދަލުތަކާއި ޓެކްނޮލޮޖީގެ ވަޒީރު އާމިނަތު ޝައުނާ އެވެ.

ދިޔާނާ އަށް މި އެވޯޑް ލިބިވަޑައިގެންނެވީ 2012 ވަނަ އަހަރުއެވެ. އެކަމަނާ އަކީ ސާކްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމު ފުރި ފުރަތަމަ އަންހެން ބޭފުޅާ ވެސް މެއެވެ.

އާމިނަތު ޝައުނާ އަށް މި އެވޯޑް ލިބިވަޑައިގެންނެވީ 2020 ވަނަ އަހަރުއެވެ. އޭނާ ވަނީ ދިވެހިރާއްޖޭގައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ސިޔާސަތުތަކާއި ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ކުރިއެރުވުމަށް މުހިންމު މަސައްކަތްތަކެއް ކޮށްފައެވެ.

ވައި.ޖީ.އެލް ޕްރޮގްރާމަކީ އަމިއްލަ ޤައުމާއި އަދި ޤައުމުން ބޭރުގައި ވެސް އެދެވޭ ބަދަލުތަކެއް ގެނައުމަށް މަސައްކަތްކުރާ އުމުރުން 40 އަހަރުން ދަށުގެ ޚާއްޞަ ލީޑަރުން ފާހަގަކޮށް އެ ފަރާތްތަކަށް ދެވޭ ޝަރަފެކެވެ. މި އެވޯޑަށް އެދި ނަން ފޮނުވަން ޖެހޭނީ ކޮންމެވެސް އެހެން ފަރާގެއް މެދުވެރިކޮށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%