ސިފައިންގެ 133 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މާދަމާ (2025 އޭޕްރީލް 19) މާލޭގައި މަގުމަތީ ހިނގާލުމެއް ބޭއްވުމަށް ހަމަޖެހިފައިިވާ ކަމަށް ދިވެހި އަސްކަރިއްޔާއިން ބުނެފިއެވެ.
މޯޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނި ގޮތުގައި، މި ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 04:15 ހާއިރު ބަންޑާރަކޮށިންނެވެ. ހިނގާލުން ޝަރަފުވެރިކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒެވެ.
މާލޭގެ ކަނޑައެޅިފައިވާ މަގުތަކުން ކުރިއަށްދާ މި ހިނގާލުމުގައި ލަޝްކަރު ފަސް ސަރަހައްދެއްގައި މަޑުކުރާނެ ކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ. މި ސަރަހައްދުތަކުގެ ތެރޭގައި އަމީރު އަޙްމަދުމަގު، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ކުރިމަތި، އަދި ސޯސަންމަގު ދިވެހިބަހުގެ އެކެޑަމީ ކުރިމަތި ހިމެނެއެވެ.
އެމްއެންޑީއެފްއިން ބުނީ ލަޝްކަރުގެ ކޮންމެ ހުއްޓުމެއްގައިވެސް އަސްކަރީ ބޭންޑުގެ ރީތި ރާގުތައް އިވޭނެ ކަމަށާއި، މި ހިނގާލުމުގައި ދިވެހި ސިފައިންގެ ލަޝްކަރުގެ އެކިއެކި ދާއިރާތަކާއި ޚިދުމަތްތައް ދައްކުވައިދޭނެ ކަމަށެވެ.
މަގުމަތީ ހިނގާލުން ނިންމާލުމަށް ހަމަޖެހިފައިވަނީ ކަޅުތުއްކަލާކޮށްޓަށެވެ. މި ހިނގާލުމަކީ ސިފައިންގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ބާއްވާ ޚާއްޞަ ހަރަކާތެއްކަން ފާހަގަކުރެވެއެވެ.