އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ތުރުކީއަށް ކުރައްވާ ރަސްމީ ދަތުރުގައި އެ ގައުމުގެ ވިޔަފާރިވެރިންނާ އިއްޔެ ބައްދަލުކުރައްވައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ މިނިސްޓަރު ސައީދު އާއި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އިސްތަންބޫލްގައި ތިއްބަވާ ތުރުކީގެ ވިޔަފާރިވެރިންނާ ބައްދަލުކުރައްވާ ދެ ގައުމުގެ ދެމެދުގައި ވިޔަފާރި އާއި އިގުތިސާދީ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށެވެ.
ޓޫރިޒަމާއި އިއާދަކުރަނިވި ހަކަތަ އާއި ދަނޑުވެރިކަމާއި ގެދޮރުވެރިކަމާއި ރިއަލް އެސްޓޭޓް ވިޔަފާރީގެ އިތުރުން ބަނދަރު ތަރައްގީކުރުމާއި ޓެކްނޮލޮޖީގެ ދާއިރާ ހިމެނޭހެން ރާއްޖެ އާއި ތުރުކީއާ ދެމެދު އިގުތިސާދީ ގުޅުން ބަދަހިކުރުމަށާއި ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ދާއިރާއިން އައު ގުޅުންތައް ގާއިމުކުރުމަށް ވެސް މަޝްވަރާކުރެއްވި ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ ބައްދަލުވުމުގައި އިންވެސްޓް މޯލްޑިވްސްގެ ސީއީއޯ ނުހާ މުހައްމަދު ރިޒާ ވަނީ ރާއްޖޭގައި ހުރި އިންވެސްޓްމަންޓްގެ ފުރުސަތުތަކާ ގުޅޭ ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވައިފަ އެވެ. އެ ޕްރެޒެންޓޭޝަންގައި ރާއްޖެއަކީ ޓޫރިޒަމާއި އިންވެސްޓްމަންޓްގެ ގޮތުން ކުރިއަރަމުން އަންނަ މަންޒިލެއްކަން ފާހަގަކުރެއްވި އެވެ.
ތުރުކީގެ ފޮރިން އިކޮނޮމިކް ރިލޭޝަންސް ބޯޑް (ޑީއީއައިކޭ) އިން އިންތިޒާމްކޮށް، އެ ބޯޑުގެ ޗެއާމަން އާއި ތުރުކީ-ޕެސިފިކް ބިޒްނަސް ކައުންސިލްގެ ރައީސް ނާއިލް އޮލްޕަކް އިސްވެހުންނަވައި ކުރިއަށް ގެންދެވި އެ ބައްދަލުވުމުގައި ތުރުކީގެ ފާހަގަކޮށްލެވޭ އެކި ދާއިރާތަކުގެ ވިޔަފާރިވެރިން ބައިވެރިވެވަޑައިގެންނެވި ކަމަށް މިނިސްޓްރީން ބުންޏެވެ.