ސަރުކާރުން ނ. ކެނދިކުޅުދޫގައި އަޅާ ޖޫނިއާ ކޮލެޖްގެ ބިންގާ އިއްޔެ އަޅައިފި އެވެ.
ކެނދިކުޅުދޫގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވީ ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދެވެ.
ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި، ޖުމްލަ 86،000 އަކަފޫޓްގެ ބިމެއްގައި މި ޖޫނިއާ ކޮލެޖު އިމާރާތްކުރަނީ ބިލްޑް-ފައިނޭންސް-އޮޕަރޭޓް ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕް އުސޫލުގެ ދަށުން ވިލާ އެޑިޔުކޭޝަނަލް ސާވިސަސްއިންނެވެ.
ވިލާއާ މި މަސައްކަތް ހަވާލުކުރީ 2022 ވަނަ އަހަރު ނަމަވެސް، އަމަލީ މަސައްކަތް މި ފެށުނީ އަދި އެވެ.
ސަރުކާރުން ވަނީ ރާއްޖޭގެ ދެ ރަށެއްގައި ޖޫނިއާ ކޮލެޖު އަޅަން ނިންމައިފަ އެވެ. އެއީ ކެނދިކުޅުދޫގެ އިތުރުން ހއ. ދިއްދޫގަ އެވެ.
ޖޫނިއާ ކޮލެޖު ފަރުމާކުރަނީ އުމުރުން 16-21 އަހަރާ ދެމެދުގެ ކުދިންނަށް ދެ އަހަރުގެ ތެރޭގައި ތައުލީމާއި ތަމްރީނުގެ ކޯސްތައް ފުރިހަމަކުރެވޭ ގޮތަށެވެ. ޖޫނިއާ ކޮލެޖުގެ ސަބަބުން އެ އަތޮޅު ހިމެނޭ ސަރަހައްދުގެ ސިނާއީ މަސައްކަތްތަކަށް އަމާޒުކޮށްގެން ވަޒީފާގެ ބާޒާރަށް އަދި އިތުރަށް މަތީ ތައުލީމުގެ އުނގެނުމަށް މަގުފަހިވާނެ އެވެ.
ކެނދިކުޅުދޫ ޖޫނިއާ ކޮލެޖް ހާއްސަކޮށްފައި ވަނީ މަތީ ފަންތީގެ ޓޫރިޒަމާއި ހޮސްޕިޓަލިޓީ ދާއިރާގެ ފަންނީ އެކި ލެވެލްތަކުގެ ކޯސްތައް ހިންގުމަށެވެ. އަދި ތަފާތު އެހެނިހެން ދާއިރާތަކުން ވޮކޭޝަނަލް ކޯސްތައް ވެސް އެތަނުގައި ހިންގާނެ އެވެ.