ޖަމީލަކީ މައިކު އަތުޖެހުމުން ދުނިޔެ ރަންވާ މީހެއް: މިނިސްޓަރު ސައީދު

ހުސައިން އިސްމާއިލް | 21 ގަޑިއިރު ކުރިން - 18 އޭޕްރިލް 2025 18:45
މުޙައްމަދު ޖަމީލު އަޙްމަދު (ކ) އަދި މިނިސްޓަރ މުޙައްމަދު ސަޢީދު (ވ)
މުޙައްމަދު ޖަމީލު އަޙްމަދު (ކ) އަދި މިނިސްޓަރ މުޙައްމަދު ސަޢީދު (ވ)
ޚުލާސާ

ސައީދު ވިދާޅުވީ ޑރ. ޖަމީލުގެ ކިބައިން ފެންނަނީ ބަސްމަގު ހުތުރުވެ، ﷲ އަށް ލިބިވޮޑިގެންވާ ބާރުތަކާމެދުވެސް އަމިއްލައަށް ގޮތް ނިންމާ ތަން.

ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލު އަޙްމަދަކީ މައިކު އަތުޖެހުމުން "ދުނިޔެ ރަންވެ" ހޭބުއްދި ގެއްލި، އަނބިދަރީންނާއި ޢާއިލާތަކުގެ ކަރާމާތަށް އަރައިގަންނަމުންދާ މީހެއް ކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ވިދާޅުވެއްޖެއެެވެ.

ސައީދު މިހެން ވިދާޅުވީ، ރޭ ޔާމީނުއަށް ތާއީދުކުރާ މީސްކޮޅަކާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ޖަމީލު ދެއްކެވި ދަށުދަރަޖައިގެ ވާހަކަތަކާއި ގުޅިގެންނެވެ.

މިނިސްޓަރ ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޑރ. ޖަމީލަކީ 2007 ވަނަ އަހަރުގެ ނިޒާމީ ބަހުސްގައިވެސް ރުޅިއައިސް، ރައްޔިތުންނަށް ނާގާބިލަށް ޖާހިލަށް ގޮވުމަށްފަހު ސްޓޭޖު ދޫކޮށްދިޔަ ބޭފުޅެއް ކަމަށެވެ. އަދި 17 އަހަރު ފަހުންވެސް ޑރ. ޖަމީލުގެ ކިބައިން ފެންނަނީ ހަމަ އެ މަންޒަރު ކަމަށް ވިދާޅުވެފައިވެއެވެ.

މީގެއިތުރުން، މިނިސްޓަރ ސައިދު ވިދާޅުވީ ޑރ. ޖަމީލުގެ ކިބައިން ފެންނަނީ ބަސްމަގު ހުތުރުވެ، ﷲ އަށް ލިބިވޮޑިގެންވާ ބާރުތަކާމެދުވެސް އަމިއްލައަށް ގޮތް ނިންމާ ތަން ކަމަށެވެ. އެހެންކަމުން ޑރ. ޖަމީލު ތައުބާވާން މަޖުބޫރު ހިސާބަށް ކަންކަން ހިނގައްޖެ ކަމަށާއި، އެފަދަ ދޫތަކުގެ ވިހައިން ދިވެހި އިސްލާމީ އުންމަތް ސަލާމަތްކުރެއްވުމަށް އެދި ދުޢާކުރައްވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

މިނިސްޓަރ ސައީދު ވަނީ ރައީސް ޑރ. މުޢިއްޒުގެ ހަރުދަނާކަމާއި، މަޑުމައިތިރިކަމާއި، ރީތި އަޚްލާޤު ފާހަގަކުރައްވައި، ރައްޔިތުންނަށް ވެވަޑައިގަތް ވަޢުދުތައް ފުއްދެވުމަށް ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ. އަދި ރައީސް މުޢިއްޒަށް ރައްޔިތުންގެ ލޯބި އިތުރުވަމުންދާތީ، ޑރ. ޖަމީލުމެން އެގޮތަށް ހަމައިން ނެއްޓުމަކުން ވާނެ މޮޅެއް ނޯންނާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ސައީދު ވިދާޅުވީ ޑރ. ޖަމީލުމެންފަދަ ބޭފުޅުން ސިޔާސީ ޕާޓީ ހިންގުމުގެ ނަމުގައި ކުރަމުންދަނީ ޤައުމަށާއި ޢާއިލާތަކަށް ފުރައްސާރަ ކަމަށާއި، އެއީ ކިޔަވައިގެން ތިބި ޒުވާނުންނާއި ތަހުޒީބު މުސްލިމް މުޖުތަމަޢުއެއްގެ ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%