ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން 25,000 މުޞްޙަފު ދިވެހިރާއްޖެއަށް ހަދިޔާކޮށްފިއެވެ. މި މުޞްޙަފުތައް ހަވާލުކުރުމުގެ ރަސްމިއްޔާތު އޮތީ އިސްލާމީ މަރުކަޒުގެ ހޯލުގައި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއާއި ސަޢޫދީ އެމްބަސީ ގުޅިގެންނެވެ.
މި ރަސްމިއްޔާތުގައި ސަޢޫދީ އެމްބަސީގެ ފަރާތުން މުޞްޙަފުތައް ހަވާލުކޮށްދެއްވީ ޗާޖް ޑި އެފެއަރޒް ފަހުދު އަލްދޯސްރީއެވެ. އަދި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ފަރާތުން މުޞްޙަފުތަކާއި ހަވާލުވެލެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.
އިސްލާމީ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި މި މުޞްޙަފުތައް އަތޮޅުތަކުގެ ޤުރްއާން ކުލާސްތަކާއި ޤުރްއާން ހިތުދަސްކުރުމުގެ މަޝްރޫޢުތަކަށް ބޭނުންކުރާނެއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤުރްއާން ކުލާސްތަކާއި ޤުރުއާން ހިތުދަސްކުރުމުގެ މަޝްރޫޢު ފުޅާކުރުމަކީ ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާ ކަމެކެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވީ މިއީ ދިވެހި ސަރުކާރާއި ސަޢޫދީ ސަރުކާރާ ދެމެދު އޮތް ޒަމާންވީ ގުޅުން ދައްކުވައިދޭ ކަމެއް ކަމަށެވެ. އަދި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒާއި އެ މަނިކުފާނުގެ ވަލިއްޔުލް ޢަހުދު އަލްއަމީރު މުޙައްމަދު ބިން ސަލްމާން ދިވެހިރާއްޖެއަށް ވެދެއްވާ ދީލަތި އެހީތެރިކަމަށްޓަކައި އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށްވެސް ވުޒާރާއިން ވިދާޅުވިއެވެ.