މަސްވެރިންނަށް ބޭނުންވާ ކަންކަން ފުރިހަމަކޮށްދެއްވުމަށްޓަކައި މި ސަރުކާރުން ފައްޓަވާފައިވާ ގިނަ މަސައްކަތްތަކެއް މިއަހަރާއި އަންނަ އަހަރު ތެރޭ ނިމި، ޢަމަލީ ގޮތުން އޭގެ ފައިދާކުރަން ފަށާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގެ ހަތަރު ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި އެޕިސޯޑުގައި އެމަނިކުފާނު ވަނީ މަސްވެރިކަމުގެ ދާއިރާއަށް ގެންނަން ރާވާފައިވާ ތަރައްޤީތަކާއި، މަސްވެރިންނަށް ދިމާވާ ދަތިތައް ޙައްލުކުރުމަށް އަޅުއްވާ ފިޔަވަޅުތަކުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.
ރައީސް ވިދާޅުވީ، މަހާއި މަހުގެ އުފެއްދުންތަކުގެ އަގު އިތުރުކުރުމަށް ގިނަ މަޝްރޫޢުތަކެއް ފައްޓަވާފައިވާކަމަށެވެ. މީގެ ތެރޭގައި ކަޅުބިލަމަސް ރައްކާކުރުމުގެ ޤާބިލުކަން މިހާރު ހުރި 8,500 ޓަނުން 25,000 ޓަނަށް އިތުރުކުރުމުގެ މަޝްރޫޢު ހިމެނެކަމަަށާއި އަދި ޕްރޮސެސިންގ ކެޕޭސިޓީ މިހާރު ހުރި 115 ޓަނުން 355 ޓަނަށް އިތުރުކުރެވޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، މަސްވެރިންނަށް ދިމާވާ ތެލާއި އައިސްގެ ދަތިކަން ޙައްލުކުރުމަށް އަޅުއްވާ ފިޔަވަޅުތަކުގެ ވާހަކަވެސް ރައީސް ސާފުކޮށްދެއްވިއެވެ. މިގޮތުން، މިއަހަރު ނިމުމުގެ ކުރިން ކޮންމެ އަތޮޅެއްގައި އެސް.ޓީ.އޯ ރޭޓުން ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެހޭނެ ކަމަށާއި، އެކި ރަށްރަށުގައި އައިސް ޕްލާންޓްތަކާއި ކޯލްޑް ސްޓޯރޭޖް އަދި ޕްރޮސެސިންގ ފެސިލިޓީތަކުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، މަސްވެރިންނަށް ފައިސާ ލިބޭނެ ދެމެހެއްޓެނިވި އިންތިޒާމެއް ހަމަޖެއްސުމަށް ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، 48 ގަޑިއިރު ތެރޭގައި ފައިސާ ދެވޭ ގޮތަށް ހަމަޖެހިފައިވާނެކަަމަށެވެ. މިކަމުގެ ސަބަބުން ކުރިން ދޯނިން ފޭބި ޒުވާނުން އަލުން މަސްވެރިކަމާ ގުޅިފައިވާ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މަސްވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމަށްޓަކައި، ޤައުމީ ޔުނިވަރސިޓީގެ މޯލްޑިވްސް ކޮލެޖް ފޯ ފިޝަރީޒް އެންޑް އޯޝަން ސައިންސަސް އިން 45 ދަރިވަރަކަށް ބެޗެލަރސް އޮފް ފިޝަރީޒް މެނޭޖްމަންޓް ކިޔެވުމަށް ފުލް ސްކޮލަރޝިޕްގެ ފުރުސަތު ދެއްވަމުން ގެންދަވާނެ ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މަސްވެރިންގެ ރައްކާތެރިކަމަށްޓަކައި ރެސްކިއު ޑައިވިންގ ކޯސްތައް ހިންގައި، 56 ދޯންޏަކުން 56 ރެސްކިއު ޑައިވަރުން ތަމްރީނުކުރެވިފައިވާ ކަމަށާއި، މި ދައުރުގެ މިހާތަނަށް 18 ވަދު ކަނދުފަތި ޤާއިމުކުރެވި، ކަނޑައިގެންދިޔަ 21 ކަނދުފަތިވެސް އަލުން ޤާއިމުކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މަސްވެރިންނަށް މާލީ ބާރުވެރިކަން ކަށަވަރުކޮށްދިނުމަށްޓަކައި އުފެއްދެވި މަސްވެރިންގެ ދަފުތަރުގައި މަސްވެރި ދޯނިތަކުގެ 95 އިންސައްތަ މިހާތަނަށް ދަފުތަރުވެފައިވެއެވެ. މިކަމުގެ ސަބަބުން މަސްވެރިކަމަކީ ދެމެހެއްޓެނިވި އާމްދަނީ ލިބޭ ކަމެއްގެ ގޮތުގައި ބޭންކުތަކުން ބަލައިގަންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހުން ފެށިގެން މިއަދާ ހަމައަށް، އެންމެ ދުވަހެއްވެސް ވައްޓާނުލައި މަސްވެރިންނަށް ފައިސާ ދެވެމުންދާ ކަމަށާއި، މި މުއްދަތުގެ ތެރޭގައި 470 މިލިޔަން ރުފިޔާ މަސްވެރިންނަށް ދޫކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.