މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސްވެރިންނަށް 2.3 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފިއެވެ. މިފްކޯއިން ބުނީ މި ފައިސާއަކީ މި މަހުގެ 15 ވަނަ ދުވަހު މަސްވެރިން މިފްކޯއަށް ކިރާފައިވާ މަހުގެ އަގަށްވާ ފައިސާ ކަމަށެވެ.
މިފްކޯއިން ބުނީ 15 ވަނަ ދުވަހާއި ހަމައަށް ދައްކަންކަން ޖެހޭ ހުރިހާ ފައިސާއެއް ދައްކައި ނިމިފައިވާ ކަމަށެވެ. އެގޮތުން 15 ވަނަ ދުވަހު 29 ދޯންޏަކުން މަސް ކިރާފައިވާ ކަމަށާއި، އެ ދޯނިތަކަށް ޖުމްލަ 2،288،591 ރުފިޔާ ދޫކޮށްފައިވާ ކަމަށް ވެސް މިފްކޯއިން ބުންޏެވެ.
މިފްކޯއިން އަންނަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުފުޅާ އެއްގޮތަށް ކިރާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދައްކަމުންނެވެ. މި ސަރުކާރުން މަސައްކަތް ކުރަނީ މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވައި އެސްޓީއޯ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށެވެ.
މިގޮތުން، މިހާރު ވަނީ ހުޅުމާލެ ކަންނެލި ޖެޓީގެ އިތުރުން، ކ. ހިންމަފުށި، ޅ. ފެލިވަރު، ގއ. ކޫއްޑޫ، އަދި ސ. ހުޅުމީދޫއިން އެސްޓީއޯ ރޭޓުގައި ތެޔޮ ވިއްކަން ފަށައިފައެވެ. މީގެ އިތުރުން، މަސްވެރިންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން، މަސްވެރިކަމުގެ ލޯނު ސްކީމްތައް ތައާރަފުކޮށް، މަސްވެރިކަމުގެ އާލާތްތައް އަގުހެޔޮކޮށް ލިބޭނެ މަގު ފަހިކޮށްދީފައިވެއެވެ.
މަސްވެރިކަމުގެ ދާއިރާގައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުމަށް ބާރުއަޅައި، މަސްވެރިންގެ ރައްކާތެރިކަމަށް އިތުރު ފިޔަވަޅުތައް އަޅަމުންދާކަން ފާހަގަކުރެވެއެވެ. މި ހުރިހާ ފިޔަވަޅުތަކަކީ ދިވެހި މަސްވެރިކަމުގެ ސިނާޢަތް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކޮށް، މަސްވެރިންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް އަމާޒުކޮށްގެން އެޅޭ ފިޔަވަޅުތަކެކެވެ.