ހުޅުމާލެ ފޭސް 2 ގައި ދާއިމީ ބައެއް މިސްކިތްތައް މި އަހަރު ހުޅުވާނެ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
ވަޒީރު ވިދާޅުވީ، ހުޅުމާލެ ފޭސް 2 ގައި މިހާރު ދަނީ ދާއިމީ ފަސް މިސްކިތެއްގެ މަސައްކަތް ކުރެވެމުންދާކަމަށެވެ. މީގެ ތެރެއިން ދާއިމީ ތިން ބުރި މިސްކިތެއް ހިޔާ ޓަވަރުތައް ކައިރީގައި އަންނަ މަހުގެ ފަހުކޮޅު ހުޅުވިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އެގޮތުން އަމާޒަކީ މި އަހަރުގެ ނިޔަލަށް ވަގުތީ ހުރިހާ މިސްކިތްތައް ނިމުމަކަށް ގެނައުންކަމަށް ވަޒީރު ޝަހީމް ވިދާޅުވިއެވެ.
ހުޅުމާލެ ފޭސް 2 އަކީ ގިނަ އަދަދެއްގެ ރައްޔިތުން ދިރިއުޅެމުންދާ އަވަށެއް ކަމަށާއި، މިހާރު އެ އަވަށުގައި ގިނައީ ވަގުތީ މިސްކިތްތައް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.