ސެންޓްރަލް ޖަލު އަޅާނިމި ހުރިހާ ޖަލެއް އެތަނަށް ބަދަލުވަންދެން ހުޅުމާލޭޖަލާއި އިންވެގެންއޮތް ބިން ކަރެކްޝަނަލް ސާރވިސްގެ ބޭނުމަށް ބޭނުންކުރުމަށް ދީފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅަކީ ޖަލުތަކަށް ކުރެވޭ ޚަރަދު ކުޑަކުރުމާއި އެކު ދެވޭ ޚިދުމަތުގެ ފެންވަރު މަތިކޮށް މައްސަލައަށް ދާއިމީ ހައްލެއް ގެނައުމެވެ.
ހުޅުމާލޭ ޖަލާއި އިންވެގެން އޮތް ހުސް ބިން ވަގުތީ ޖަލެއް އެޅުމަށް ކަރެކްޝަނަލް ސަރވިސްއަށް ދޫކުރުމަށް ނިންމައިފިކަން ހާމަކުރެއްވީެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ.
ވަޒީރު ވިދާޅުވި ގޮތުގައި މި ބިމާ މެދު ގޮތެއް ނިންމުމަށް މާލެ ސިޓީ ކައުންސިލާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ކަރެކްޝަނަލް ސަރވިސްއާ އެކު މަޝްވަރާކުރެވުނެވެ. މި މަޝްވަރާތަކަށް ފަހު ވަގުތީ ގޮތުން ޖަލެއް އެޅުމަށް އެ ބިން ކަރެކްޝަނަލް ސަރވިސްއަށް ދޫކުރުމާ ގުޅޭގޮތުން އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި ނިންމުމަކީ ރާއްޖޭގެ ޖަލުތަކުގެ ޙާލަތު ރަނގަޅުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު އިތުރު ފިޔަވަޅެކެވެ. ސަރުކާރުން ވަނީ ކ. ގިރާވަރު އުތުރުފަޅު (އުތުރުތިލަފަޅު) ގައި 848 މިލިއަން ރުފިޔާ ހޭދަކޮށްގެން ކުށްކުރާ ކުދިންގެ އިސްލާޙީ ސެންޓަރު ނުވަތަ "ހޯޕް އައިލެންޑް" އަދި ސެންޓްރަލް ޕްރިޒަން ކޮމްޕްލެކްސް ތަރައްޤީކުރުމަށް ނިންމާފައެވެ.