އިސްލާމީކް މިނިސްޓްރީން ކުރިއަށް ގެންދާ ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ތިންވަނަ ބުރުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
މިނިސްޓްރީން ބުނީ ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ތިންވަނަ ބުރު އަންނަ މަހާއި ޖޫން މަހުގެ ތެރޭގައި ބޭއްވުމަށް ނިންމާފައިވާ ކަމަށާއި އެހެންވެ، އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
ޒުވާން ޚަޠީބުން ތަމްރީނުގެ ތިންވަނަ ބުރުގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގައި އުޅޭ ދަރިވަރުންނަށް ވެސް ބައިވެރިވެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މި ތަމްރީނުގައި ބައިވެރިވެވޭނީ ގުރޭޑު 10، 11، 12 ގައި ކިޔަވާ ނުވަތަ ކިޔެވުން ނިމި 18 އަހަރު ފުރިފައިނުވާ ކުދިންނަށެވެ.
މިނިސްޓްރީން ބުނީ މި ތަމްރީނުގައި ބައިވެރިވުމަށް ހުށަހަޅަން ޖެހޭނީ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އާއި ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ އާއި ސްކޫލުގައި އުޅޭ ނަމަ ސްކޫލުގައި އުޅޭކަމުގެ ލިޔުމަކާ އަދި 18 އަހަރު ނުފުރޭ ނަމަ ބެލެނިވެރިޔާގެ އިއުތިރާޒެއް ނެތްކަން އަންގައިދޭ ލިޔުމެއް ކަމަށެވެ.
މި ތަމްރީނު ފުރިހަމަކޮށް ޚަޠީބުކަމުގެ ސަނަދު ދޫކުރެވޭނީ ޒުވާން ޚަޠީބު އިންޓަވިއު ނިންމައި ޓްރެއިނިން ސެޝަންތަކުގެ ހުރިހާ ސެޝަންއަކަށް ހާޒިރުވެ ލިޔުމުގެ އިމްތިހާނުން ވެސް ފާސްވާ ބައިވެރިންނަށް ކަމަށް މިނިސްޓްރީން ބުންޏެވެ.
މި ތަމްރީނުގައި މާލޭގައި ދިރިއުޅޭ ދަރިވަރުންނަށް ފޭސްޓު-ފޭސްކޮށް ސެޝަންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، ރަށްރަށުގައި އަދި ރާއްޖެއިން ބޭރުގައި އުޅޭ ދަރިވަރުންގެ ސެޝަންތައް އޮންނާނީ އޮންލައިންކޮށް ކަމަށް މިނިސްޓްރީން ބުންޏެވެ.
މި ތަމްރީނުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން އަންނަ މަހު 10 ގެ ކުރިން ފޯމާއި ހުރިހާ ލިޔެކިޔުމެއް މިނިސްޓްރީއަށް ހުށަހަޅަން ޖެހެ އެވެ.
މިނިސްޓްރީން ބުނީ ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގުރާމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅާއި އިރުޝާދުގެ ދަށުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އިސްނެންގެވުމާ އެކު އެ މިނިސްޓްރީން މި ދައުރުގެ ތެރޭގައި ކުރިއަށް ގެންދާ އެންމެ ކާމިޔާބު އެއް ޕްރޮގްރާމު ކަމަށެވެ.
މި ޕްރޮގްރާމުގެ ފުރަތަމަ ދެބުރަށް ވެސް ބޮޑު ތަރުހީބެއް ލިބުނު ކަމަށާއި މިނިސްޓްރީގެ އަމާޒަކީ މި ފަސް އަހަރުގެ ތެރޭގައި 1،000 ޒުވާން ޚަޠީބުން އުފެއްދުން ކަމަށް ބުންޏެވެ.