ރަނުގެ ފުރުސަތެއް! ގުރުއާން މުބާރާތަށް މޮރޮކޯއަށް ދިޔުމަށް ސަރުކާރުން ފުރުސަތު ހުޅުވާލައިފި

އަހްމަދު އީޒާން | 2 ދުވަސް ކުރިން - 16 އޭޕްރިލް 2025 16:52
މީގެ ކުރިން މުބާރާތަކުން ވަނައެއް ހޯދި ބައިވެރިޔަކާ މިނިސްޓަރު ބައްދަލުކުރައްވަނީ / ފޮޓޯ: އިސްލާމިކް މިނިސްޓްރީ
މީގެ ކުރިން މުބާރާތަކުން ވަނައެއް ހޯދި ބައިވެރިޔަކާ މިނިސްޓަރު ބައްދަލުކުރައްވަނީ / ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޚުލާސާ

އުމުރުން 10-40 އަހަރާއި ދެމެދުގެ ކޮންމެ މީހަކަށް ބައިވެރިވުމުގެ ފުރުޞަތު އެބައޮތް. ކޮންމެ ކެޓެގަރީއަކުން ބައިވެރިވެވޭނީ އެކަކަށް. ފުރުސަތަށް އެދި "[email protected]" އަށް މެއިލްކުރައްވާ.

މޮރޮކޯގައި ބާއްވާ އިންޓަނޭޝަނަލް ޤުރްއާން މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ. 

އިސްލާމިކް މިނިސްޓްރީން ބުނީ މޮރޮކޯގައި އަންނަ އޮގަސްޓު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ދައުވަތު ރާއްޖެއަށް ލިބިފައި ވާތީ، އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން އާންމުކޮށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

އެ މުބާރާތުގެ ދެ ކެޓެގަރީގައި ކޮންމެ ކެޓެގަރީއަކުން އެއް ބައިވެރިއަކު ބައިވެރިކުރުމުގެ ފުރުސަތު ދޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ މުބާރާތުގައި ބައިވެރިވުމުގެ އާންމު ޝަރުތުތަކަކީ، ހިޖުރީ ގޮތުން އުމުރުން 10 އަހަރާއި 40 އަހަރާއި ދެމެދުގެ މީހަކަށް ވުމާއި ދިވެއްސަކަށް ވުމާއި ރާއްޖޭގެ މަޝްހޫރު ޤާރީއަކަށް ނުވުމާއި ކުރީގައި މި މުބާރާތުގައި ބައިވެރިވެފައިވާ މީހަކަށް ނުވުމެވެ.

ބައިވެރިވާ ދެ ކެޓަގަރީއަށް ހާއްސަ ޝަރުތުތަކެއް ވެސް ވެ އެވެ.

ފުރަތަމަ ކެޓަގަރީއަކީ މުޅި ޤުރްއާން އެއްކޮށް ތަޖުވީދުގެ ހަމަތަކާ އެކު ހިތުން ކިޔެވުމާ އެކު ޤުރްއާނުގެ ހަތްވަނަ ފޮތާއި އަށްވަނަ ފޮތުން ކަނޑައެޅޭ އާޔަތްތަކެއްގެ ތަފްސީރުކިޔުމުގެ ބައެވެ. އެ ކެޓެގަރީގައި ބައިވެރިވެވޭނީ ރަނގަޅަށް އަރަބި ބަހުން މުއާމަލާތުކުރަން އެނގޭ، ޤުރްއާން ޙިފްޡުކޮށް ސަނަދު ހާސިލުކޮށްފައިވާ މީހުންނަށެވެ. އަދި ރަނގަޅަށް ތަޖުވީދުގެ ހުކުމްތަކާ އެކު ކިޔަވަން އެނގޭ މީހުންނަށް ވެސް ވާން ޖެހޭނެ އެވެ.

ދެވަނަ ކެޓަގަރީއަކީ ވިދިވިދިގެން ޤުރްއާނުގެ ފަސް ޙިޒްބު (ދެ ފޮތް ބައި) ތަޖުވީދުގެ ހަމަތަކާއެކު ތަރުތީލުކޮށް ނުބަލައި ކިޔެވުމުގެ ބައެވެ. އެ ކެޓެގަރީއަށް ބައިވެރިޔަކު ހޮވުމުގައި ޤުރްއާން ހިތުދަސް ޙާފިޡުންނަށް އިސްކަން ދޭނެ އެވެ. އަދި ބައިވެރިވާ މީހުންނަށް ޙިޒްބުތައް ވަކިކުރަން އެނގެން ޖެހޭނެ އެވެ.

މިނިސްޓްރީން ބުނީ މި މުބާރާތަކީ ދެ ޖިންސަށް ވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިފައިވާ މުބާރާތެއް ކަމަަށާއި މި މުބާރާތަށް ކޮންމެ ކެޓަގަރީއަކުން އެއް ބައިވެރިއަކު ހޮވާނީ މިކަމަށް އެދި ހުށަހަޅާ މީހުން ކީރިތި ޤުރުއާނާ ބެހޭ ގައުމީ މަރުކަޒުން އިމްތިހާނުކުރުމަށް ފަހުގައި ކަމަށެވެ.

އުމުރުން 18 އަހަރު ނުވާ ކުއްޖަކު ނުވަތަ ފެނުމުން މަހްރޫމުވެފައިވާ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހެއް މުބާރާތަށް ދިއުމަށް ހޮވިއްޖެ ނަމަ، އެ ބައިވެރިޔަކާ އެކުގައި އެއް ބެލެނިވެރިޔަކު ގެންދިޔުމަށް ބޭނުންވާ އިންތިޒާމު މުބާރާތް ބާއްވާ ފަރާތުން ހަމަޖައްސާދޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މިި މުބާރާތުގައި ބައިވެރިވާން އެދޭ މީހުން މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ސިޓީ އާއި ވަނަވަރު (ސީވީ) އާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ސާފު ކުލަ ކޮޕީ އާއި ޙާފިޡުކަމުގެ ސަނަދުގެ ކުލަ ކޮޕީ އަދި ޕާސްޕޯޓުގެ ސާފު ކުލަ ކޮޕީ (ޑޭޓާ ޕޭޖު) މި މަހު 21 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ކީރިތި ޤުރްއާނާ ބެހޭ ގައުމީ މަރުކަޒަށް ހުށަހެޅުމަށް ވަނީ އެދިފަ އެވެ.

އީ-މެއިލް ކުރާ ނަމަ "[email protected]" އަށް ފޮނުވޭނެ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%