އަމިއްލަ މީހަކު ހަރަދުކޮށްގެން ހުޅުމާލެ 2 ގައި މިސްކިތެއް އަޅަން އެޗްޑީސީން މިއަދު ބިން ހަވާލުކޮށްފި އެވެ.
އެޗްޑީސީގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ބިން އިސްލާމިކް މިނިސްޓްރީއާ ވަނީ ހަވާލުކޮށްފަ އެވެ. އެކަމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މައުރޫފް ޖަމީލެވެ.
މިނިސްޓްރީން ބުނީ މި މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް ކުރަނީ ހެޔޮއެދޭ އަމިއްލަ މީހަކު ހަރަދުކޮށްގެން ކަމަށާއި ކޮންޓްރެކްޓަރެއް ހަމަޖައްސާނީ ވެސް އެ ފަރާތުން ކަމަށެވެ.
މި މިސްކިތް އިމާރާތްކުރަން ދީފައި ވަނީ ހުޅުމާލެ ފޭސް 2ގެ ލޮޓު 22386 ގަ އެވެ. އެއީ 18،720.79 އަކަފޫޓުގެ ބިމެކެވެ.
މިނިސްޓްރީން ބުނީ އެ މިސްކިތަކީ 2،500 – 3،000 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށެވެ.
ބިން ހަވާލުކުރާ ތާރީހުން ފެށިގެން ދެ އަހަރު ދުވަހުގެ ތެރޭގައި މިސްކިތް އިމާރާތްކޮށް ނިންމާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ މި މިސްކިތް ނިމޭއިރު، ސޯލާ އާއި އޭސީ ވެސް ހަރުކުރެވިފައި ހުންނާނެ ކަމަށެވެ. އަދި މިސްކިތް ޑިޒައިން ކުރަނީ ޤުރުއާން ކިޔަވައިދެވޭ ގޮތަށް ކްލާސް ރޫމާއި ލައިބްރަރީއެއް ހިމެނޭ ގޮތަށް ކަމަށް މިނިސްޓްރީން ބުންޏެވެ.
މިހާރު ހުޅުމާލޭގައި އަޅަމުން އަންނަ ދާއިމީ މިސްކިތަކުގެ ތެރެއިން ބައެއް މިސްކިތް މި އަހަރު ނިމެނޭ ކަމަށް މިނިސްޓްރީން ބުންޏެވެ.