ދިވެހި ޒުވާނުންނަށް ޑިޖިޓަލް ތަފާތު ވަސީލަތްތައް ބޭނުންކޮށްގެން އާމްދަނީ ހޯދޭނެ ގޮތްތައް ފަހިކުރުމަށް ރައީސް ގެންގުޅުއްވާ ތަޞައްވުރުގެ ތެރެއިން ޓިކްޓޮކްގެ އިސް ބޭފުޅުންނާއި ބައްދަލުކުރައްވައިފިއެވެ. މިހާރު ރާއްޖެއަށް ވަޑައިގެން އުޅުއްވާ ޓިކްޓޮކްގެ އިސްބޭފުޅުންގެ ވަފުދު ރައީސް ޑރ. މުއިއްޒުއާ ބައްދަލުކުރެއްވީ މިއަދު ރައީސް އޮފީހުގައެވެ.
ރައީސް އޮފީހުން ބުނީ ޓިކްޓޮކާ ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާއި ރާއްޖެ ޑިޖިޓަލައިޒްކުރުމަށް އެމަނިކުފާނުގެ ގެންގުޅުއްވާ ތަސައްވުރު އެ ވަދުފުގެ ބޭފުޅުންނާ ރައީސް ހިއްސާކުރެއްވި ކަމަށެވެ. އަދި ރައީސް ނަންގެންނެވި ކަންކަމަށް ޓިކްޓޮކްގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން އެ ބޭފުޅުން ވެސް ދެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ޓިކްޓޮކްގެ އިސްބޭފުޅުން އިއްޔެ ވަނީ އިކޮނޮމިކް މިނިސްޓްރީގެ ބޭފުޅުންނާއެކު ވެސް ބައްދަލުވުމެއް ބާއްވައިފަ އެވެ. އެ ބައްދަލުވުމުގައި ވަނީ ޑިޖިޓަލް މޮނެޓައިޒޭޝަންގެ އާ މަގުތައް ހުޅުވުމަށް ޓިކްޓޮކްއާ ގުޅިގެން ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން ވެސް މަޝްވަރާކޮށްފަ އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި، ޓިކްޓޮކާއެކު މަޝްވަރާތައް ކުރަނީ ކުރިއަރަމުން އަންނަ އުފެއްދުންތެރި އިގްތިސާދެއް ބިނާކުރުމަކީ ރައީސް ޑރ. މުއިއްޒުގެ މެނިފެސްޓޯގައި ވެވަޑައިގެންފައިވާ މުހިންމު ވައުދުފުޅު ހަގީގަތަކަށް ހެދުމަށް ކުރާ މަސައްކަތުގައި އެއީ ވަރަށް މުހިންމު ކަމަކަށް ވާތީ އެވެ.