ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދޮށީ ފިރިހެން ދަރިކަލުންގެ ހައްޤުތަކަށް އަރައިގަތް މައްސަލަ ސިވިލް ކޯޓާއި، ފެމިލީ ކޯޓުގައި ރަޖިސްޓްރީކޮށްފިއެވެ. މި މައްސަލަ ހުށަހަޅަހަޅުއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ ފަރާތްޕުޅުންނެވެ.
މި މައްސަލައިގައި ދަޢުވާ ރައްދުވަނީ އެމްޑީޕީގެ އިސް އެކްޓިވިސްޓެއްކަމަށްވާ މަރިޔަމް ޒުބައިރު (މަންދީ) އާއި، އެމްޑީޕީ އަދި އެ ޕާޓީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލްގެ މައްޗަށެވެ. މި ފަރާތްތަކުން ރައީސުލްޖުމްހޫރިއްޔާގެ ދަރިކަލުންގެ ކަރާމާތަށް އަރައިގަނެ، ދޮގު ވާހަކަތަކެއް ފަތުރާފައިވާކަމަށް ތުހުމަތުކުރެވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އާއިލާ ތަމްސީލުކުރައްވާ ޤާނޫނީ ވަކީލުންގެ ފަރާތުން ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ، މާރޗް މަހު އެމްޑީޕީން ބޭއްވި މުޒާހަރާތަކުގައި މަރިޔަމް ޒުބައިރު ދެއްކި ވާހަކަތަކުގެ ސަބަބުން، ރައީސްގެ ދަރިކަލުންގެ ނަފްސަށާއި ފުރާނައަށް ނުރައްކާވާނޭ ޙާލަތެއް މެދުވެރިވެ، އެކުއްޖާގެ ކިޔެވުމާއި މުސްތަޤުބަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކީ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ނަމާއި އަބުރު ރައްކާތެރިކުރެވިފައިއޮތުމުގެ ޙައްޤު ނިގުޅައިގެންފައިވާ މައްސަލައެކެވެ. އަދި ފެމިލީ ކޯޓަށް ހުށަހަޅާފައިވަނީ ޤާނޫނުއަސާސީއާއި ކުޑަކުދިންގެ ެ ޙައްޤުތައް ރައްކާތެރިކަމުގެ ޤާނޫނު އަދި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާއިން ކުޑަކުދިންނަށް ކަށަވަރުކޮށްދީފައިވާ ކަރާމާތާއި ރައްކާތެރިކަން ނިގުޅައިގެންފައިވާ މައްސަލައެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މި މައްސަލަ ހުށަހަޅުއްވާފައިވަނީ އެކަމަނާގެ ބޭފުޅުންނަށް ރައްކާތެރިކަން ހޯދުމަށް މަންމައެއްގެ ހައިސިއްޔަތުންނާއި، މުސްތަޤުބަލުގައި އެފަދަ މަޤާމުތަކުގައި ތިބެދާނެ އެހެން ކުދިންނަށްވެސް ރައްކާތެރިކަން ޔަޤީންކުރުމުގެ މަޤްޞަދުގައި ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.