ދިވެހިރާއްޖޭގައި ދުންފަތާ ދުރުހެލި ކުރުވުމަށްޓަކައި "ޖެނެރޭޝަނަލް ބޭން" އެއް ތަންފީޒުކުރުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމައިފިއެވެ. މި ނިންމުމުގެ ދަށުން، 2007 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އުފަންވެފައިވާ އަދި އޭގެ ފަހުން އުފަންވާ ހުރިހާ ކުދިންނަށް ދުންފަތުގެ ބާވަތްތައް ގަތުމާއި، ވިއްކުމާއި، އިސްތިޢުމާލު ކުރުން މަނާ ކުރެވޭނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މި ނިންމުން ނިންމާފައިވަނީ މިއަދު ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައެވެ. މި ނިންމުމާ ގުޅިގެން، މި "ޖެނެރޭޝަނަލް ބޭން" ތަންފީޒުކުރުމަށްޓަކައި ޤާނޫނާއި ގަވާއިދުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމަށް ކަމާބެހޭ އިދާރާތަކަށް އަންގާފައިވެއެވެ.
އެގޮތުން، ސަރުކާރުން މި ނިންމުން ތަންފީޒުކުރަން ފަށާނީ 2025 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. މިކަމަށް ތައްޔާރުވުމަށްޓަކައި، ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނެސް، އެ އިޞްލާޙުތައް ތަޞްދީޤުކުރާ ތާރީޚުން ފެށިގެން 6 މަސްދުވަހުގެ މުއްދަތެއް ދެވޭނެއެވެ.
މީގެ އިތުރުން، ޓޮބޭކޯ ސިޒޭޝަންގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އާއި މިނިސްޓްރީ އޮފް ހެލްތު ގުޅިގެން މަސައްކަތްކުރާނެ ކަމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމާފައެވެ.
މި ނިންމުމާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ރަސްމީ "އެކްސް" އެކައުންޓުގައި ޕޯލެއް ހުޅުވާލައްވާފައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާއަކު ދައުރުގެ ތެރޭގައި މުހިންމު ނިންމުމަކާ ގުޅޭގޮތުން މީސްމީޑިއާގައި ރައްޔިތުންގެ ޚިޔާލު ހޯއްދަވަން ހުޅުވާލެއްވި ފުރަތަމަ ފަހަރެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކަށް އެ ވިޔަފާރި ދޫކޮށްލައި، އެހެން ވިޔަފާރިތަކަށް ބަދަލުވުމަށްވެސް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.