ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރު ކަމަށް، ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ތައާމު މުހައްމަދު މިއަދު އައްޔަންކޮށްފި އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ) އިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރު ކަމުގެ މަގާމަށް، މ. ބްލޫނައިލް، އިބްރާހިމް ތައާމު މުހައްމަދު މިއަދު އައްޔަންކޮށްފައިވާ ކަމަށެވެ.
އެޗްޑީސީސީގެ ބޯޑަށް ތައާމު އައްޔަންކޮށްފައި ވަނީ އެ ބޯޑުގެ މެމްބަރަކަށް ހުންނެވި ހއ. ފިއްލަދޫ، މަބުސްތާނުގޭ, މުހައްމަދު ވަހީދު މި މަހުގެ ހަވަނަ ދުވަހު ވަކިކުރުމަށް ފަހުގަ އެވެ.
ޕީސީބީން އެޗްޑީސީގެ ބޯޑަށް ބަދަލުތަކެއް ގެންނަން ފެށީ "ބިންވެރިޔާ" ސްކީމަށް ޝަރުތު ހަމަނުވާ ބަޔަކަށް ހުޅުމާލެއިން ގޯތިތަކެއް ދޫކުރި ކަމަަށް ބުނާ މައްސަލަތަކެއް ފެންމަތިވެ، ފުލުހުންނާއި އޭސީސީން އެ މައްސަލަ ތަހުގީގުކުރަން ފެށި ފަހުންނެވެ.
އެ މައްސަލާގައި, އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އިބްރާހިމް ފަޒުލް ރަޝީދު ސަސްޕެންޑްކުރުމުން އޭނާ ވަނީ ތަހުގީގަށް ފުރުސަތު ދިނުމަށް ކަމަށް ވިދާޅުވެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް މިހާރު ހުންނަވަނީ މުހައްމަދު މައުރޫފް ޖަމީލެވެ.