ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅަށް އިޖާބަދެއްވުމުގެ ގޮތުން މަސްޖިދުލް ނަބަވީގެ އިމާމް އަދި ޚަޠީބު ފަޟީލަތުއްޝައިޚު ޑރ. ޞަލާޙުލްބުދައިރު، ދިވެހިރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ނިންމަވައިފިއެވެ.
މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާއެކު، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރެއްވި ދަޢުވަތަކަށް އިޖާބަ ދެއްވައިގެން ކުރައްވާ ދަތުރުފުޅެކެވެ.
ޑރ. ޞަލާޙުލްބުދައިރުގެ މި ދަތުރުފުޅުގައި އެތައް މުހިންމު ހަރަކާތްތަކެއް ހިމެނިފައިވެއެވެ. އޭގެ ތެރޭގައި އިސްލާމީ މަރުކަޒުގައި ހުކުރު ޚުޠުބާ ދެއްވުމާއި، ރައީސުލްޖުމްހޫރިއްޔާއަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރެއްވުމާއި، ޢާންމު ރައްޔިތުންނަށް ދީނީ ދަރުސެއް ދެއްވުމާއި، އިލްމުވެރިންނާ ބައްދަލުކުރެއްވުން ހިމެނެއެވެ. މީގެ އިތުރުން، ސަލްމާން މިސްކިތަށާއި އެހެނިހެން އިސްލާމީ މުއައްސަސާތަކަށް ޒިޔާރަތްކުރެއްވުމަށްވެސް ހަމަޖެހިފައިވެއެވެ.
މި ދަތުރުފުޅުގެ ތާރީޚީ އަހައްމިއްޔަތުކަން ފާހަގަކޮށްލެވެނީ، މިއީ 40 އަހަރު ފަހުން ޙަރަމްފުޅެއްގެ އިމާމަކު ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރު ކަމުގައިވާތީއެވެ. ކުރިން ޙަރަމްފުޅެއްގެ އިމާމަކު ރާއްޖެ ވަޑައިގެންފައިވަނީ އިސްލާމީ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތަށް މައްކާގެ ޙަރަމްފުޅުގެ އިމާމު ފަޟީލަތުއްޝައިޚު މުޙައްމަދު އައްސުބައްޔިލް ވަޑައިގެންނެވި ދަތުރުފުޅުގައެވެ.
ޑރ. ޞަލާޙުލްބުދައިރަކީ އިސްލާމީ ދުނިޔޭގައި ވަރަށް އިޙްތިރާމާއި ލޯބި ލިބިވަޑައިގެންފައިވާ އިލްމުވެރިއެކެވެ. އެމަނިކުފާނަކީ ވަރަށް ރީތިކޮށް ޤުރުއާން ކިޔަވައި ވިދާޅުވާ ބޭފުޅެއްގެ އިތުރުން، މަދީނާގެ ޙަރަމްފުޅުގައި އިމާމުވެ ތަރާވީޙް ނަމާދު ކުރައްވާ ބޭފުޅެކެވެ.
މި ޒިޔާރަތުގެ އިންތިޒާމުތައް ހަމަޖެހިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުންނެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. ޝަހީމް ވަނީ މި ދަތުރުފުޅު ހަމަޖެއްސެވުމަށް އެހީތެރިވެދެއްވި ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނަށާއި ވަލީ އަހުދަށް ޝުކުރު ދަންނަވާފައެވެ. އަދި ސަޢުދީ ޢަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީއާއި ދިވެހިރާއްޖޭގައި ހުންނަ ސަޢުދީ އަރަބިއްޔާގެ އެމްބަސީއިން ދެއްވި އެއްބާރުލެއްވުމަށްވެސް ޝުކުރު އަދާކުރައްވާފައިވެއެވެ.