ހަތަރު ފުރޮޅުލީ އުޅަނދުތައް ގަރާޖުކުރުމުގެ ހުއްދަ ނެތި ރާއްޖެއަށް އެތެރެ ނުކުރެވޭ ގޮތަށް އެއްގަމު އުޅަނދު ރަޖިސްޓަރީކުރުމުގެ ގަވާއިދު އިސްލާހުކޮށްފިއެވެ.
ދަތުރުފަތުރާ ބެހޭ ވުޒާރާއިން މިއަދު އާންމުކުރި އިސްލާހަކާއެކު، އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީކުރުމުގެ ގަވާއިދަށް 6 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދުގައިވާ ގޮތުން، 2 ފުރޮޅުލީ އެއްގަމު އުޅަނދު ފިޔަވައި އެހެން ހުރިހާ އުޅަނދެއް ރާއްޖެ އެތެރެކުރުމުގެ ކުރިން އެ އުޅަނދެއް ރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ ދަތުރުފަތުރާ ބެހޭ ވުޒާރާއިން ނަގަންޖެހޭނެއެވެ. މި ހުއްދަ ނެގުމަށް، އެތެރެކުރާ އުޅަނދު ގުދަންކުރުމަށް ހަމަޖެހިފައިވާ ގަރާޖުގެ ނުވަތަ ޝޯރޫމުގެ ނުވަތަ ގުދަނުގެ ހުއްދައިގެ ކޮޕީއެއް ހުށަހަޅަންޖެހޭނެއެވެ.
އިތުރު ބަދަލުތަކުގެ ތެރޭގައި:
- އެތެރެކުރާ އުޅަނދު ބާއްވާ ތަނަކީ ކަމާބެހޭ އިދާރާއިން ހުއްދަ ދީފައިވާ ތަނަކަށްވާންޖެހުން
- އެ ތަނެއްގައި އުޅަނދު ބޭއްވޭނެ ޖާގަ އޮތްކަން ވުޒާރާއިން ކަށަވަރު ކުރަންޖެހުން
- 250 ކިއުބިކް ސެންޓިމީޓަރު ނުވަތަ އެއަށްވުރެ ދަށުގެ މޮޓޯ ސައިކަލާއި އޮޓޯ ސައިކަލު ރާއްޖެ އެތެރެކުރުން މަނާކުރުން
- އުފެއްދި ތާރީޚުން ފެށިގެން 3 އަހަރު ދުވަހަށްވުރެ ގިނަ ދުވަސްވެފައިވާ މޮޓޯ ސައިކަލާއި އޮޓޯ ސައިކަލު ރާއްޖެ އެތެރެކުރުން މަނާކުރުން
މި ގަވާއިދަށް ޢަމަލުކުރަން ފަށާފައިވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމާ ގުޅިގެންނެވެ. ނަމަވެސް، އުޅަނދު ގުދަންކުރުމަށް ހަމަޖެހިފައިވާ ތަނުގެ ކޮޕީ ހުށަހެޅުމުގެ ބަޔަށް ޢަމަލުކުރަން ފަށާނީ މިއަދުން ފެށިގެން 90 ދުވަސް ފަހުންނެވެ.
މި އިސްލާހުތަކަކީ މާލެ ސަރަހައްދުގައި އުޅަނދުތައް ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ބައެކެވެ. މިދިޔަ އަހަރުގެ ނޮވެންބަރު މަހުވެސް 2 ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދު ރަޖިސްޓްރީކޮށްދިނުމުގެ ކުރިން އެ އުޅަނދެއް ބޭއްވޭނެ ގަރާޖެއް އޮންނަންޖެހޭ ގޮތަށް ގަވާއިދު ބަދަލުކުރެވުނެވެ.