ދިވެހިން އެންމެ އާންމުކޮށް ގޮސް އުޅޭ ހަތަރު ގައުމުތަކުން އައިޑީކާޑުގެ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ތައްޔާރުވަމުން އަންނަ ކަމަށް ހޯމް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ހޯމް މިނިސްޓްރީން ބުނީ މި އަހަރުގެ ރާއްޖޭގެ ހުރިހާ ރަށެއްގައި އައިޑީކާޑު ޕްރިންޓްކުރުމުގެ ހިދުމަތް ފެށުމަށް މަސައްކަތް ކުރަމުން އަންނައިރު، ދިވެހިން އެންމެ އާންމުކޮށް ގޮސްއުޅޭ ބައެއް ގައުމުތަކުގައި ވެސް މި ހިދުމަތް ފެށުމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އިން ތައްޔާރުވަމުން އަންނަ ކަމަށެވެ.
އައިޑީކާޑުގެ ހިދުމަތް ފަށަން ތައްޔާރުވަމުން އަންނަނީ މެލޭޝިއާ އާއި ސްރީ ލަންކާ އާއި އިންޑިއާ އަދި އިނގިރޭސިވިލާތުގައި ކަމަށް މިނިސްޓްރީން ބުންޏެވެ.
އައިޑީކާޑާއި ޕާސްޕޯޓް ހައްދަން ކޮންމެ ފަހަރަކު މާލެ ނައިސް, އެ ބަޔަކު ދިރިއުޅޭ ރަށަކާ ކައިރިން އެ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މުހިންމު ވައުދުފުޅެކެވެ.
ޑީއެންއާރުން މިހާރު ވެސް އަންނަނީ ކައުންސިލްތަކާއި ގުޅިގެން 15 ރަށެއްގައި އައިޑީ ކާޑު ޕްރިންޓްކުރުމުގެ ހިދުމަތް ދެމުންނެވެ.
ރައީސްގެ އެ ވައުދުފުޅާ އެއްގޮަތަށް, މިދިޔަ އަހަރުން ފެށިގެން އަންނަނީ ރަށްރަށުން އައިޑީކާޑާއި ޕާސްޕޯޓް ނެގޭނެ އިންތިޒާމު ހަމަޖައްސަމުންނެވެ. މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް އައިޑީކާޑު ޕްރިންޓު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުން ކަނޑައަޅާފައިވާ ވަރަށް ބޮޑު އަމާޒެކެވެ.