ގދ. ފިޔޯރީގެ ބަނދަރު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
ފިޔޯރީ ބަނދަރު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ، އެ ރަށުގައި އިއްޔެ ހަވީރު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބާއި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރު އަހްމަދު ސައުދީ އެވެ.
އެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދުއާއި ފިޔޯރީ ކައުންސިލްގެ ނައިބު ރައީސް އައިމިނަތު އައިވީނާ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ އެމްޓީސީސީއާ ހަވާލުކޮށްގެން ފިޔޯރީ ބަނދަރު ތަރައްޤީކުރަނީ ދައުލަތުގެ ބަޖެޓުން 38.9 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން ބަނދަރު ފުންކުރުމާއި ބަނދަރަށް ވަންނަ ނެރު ފުން ކުރުމާއި ރޭމްޕްލުމާއި ބެކްފިލް ކުރުމާއި ރިވެޓްމެންޓް ޖެހުމާއި އެއްގަމު ތޮށި ލުމާއި މަގު ބައްތި ޖެހުމާއި ނެރު ބައްތި ޖެހުމާއި މޫރިންގް ރިންގްސް ހަރުކުރުމުގެ މަސައްކަތް ވެސް ކުރާނެ އެވެ.