ފަލަސްޠީނު ރައްޔިތުންގެ ޙައްޤުގައި އަޑުއުފުލުމަށް "ޣައްޒާއާ އެކުގައި" މި ނަމުގައި ބޮޑު ހަރަކާތެއް މިއަދު މާލޭގައި ބާއްވައިފި

އާނާ ފަހީމް | 7 ދުވަސް ކުރިން - 11 އޭޕްރިލް 2025 19:59
"ޣައްޒާއާ އެކުގައި" މި ނަމުގައި މިއަދު ބޭއްވުނު ހަރަކާތުގެ ތެރެއިން/ ފޮޓޯ: ޚުލާސާ
"ޣައްޒާއާ އެކުގައި" މި ނަމުގައި މިއަދު ބޭއްވުނު ހަރަކާތުގެ ތެރެއިން/ ފޮޓޯ: ޚުލާސާ
ޚުލާސާ

މި ހަރަކާތުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެ، ފަލަސްޠީނުގެ ދިދަޔާއި ޝިޢާރުތައް ބޭނުންކޮށްފައިވޭ.

ފަލަސްޠީނު ރައްޔިތުންގެ ޙައްޤުގައި އަޑުއުފުލުމަށް "ޣައްޒާއާ އެކުގައި" މި ނަމުގައި ބޮޑު ހަރަކާތެއް މިއަދު މާލޭގައި ބާއްވައިފިއެވެ. މި ހަރަކާތަކީ ރާއްޖޭގައި ހަރަކާތްތެރިވާ ދީނީ ޢިލްމުވެރިންނާއި، ދީނީ ޖަމްޢިއްޔާތަކުން އިސްނަގައިގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.

މިއަދު ހަވީރު 16:15 ގައި ރަސްފަންނު ސަރަޙައްދުން ފެށިގެން އަމީނީ މަގާއި މަޖީދީމަގުގައި ޚާއްސަ ސައިކަލު ބުރެއް ބޭއްވިއިރު މި ހަރަކާތުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެ، ފަލަސްޠީނުގެ ދިދަޔާއި، ފަލަސްޠީނު ރައްޔިތުންގެ ޙައްޤުގައި ތިބިކަން ދައްކުވައިދޭ އެކި ޝިޢާރުތައް ރަމްޒުކޮށްދޭ ބޯޑުތަކާއި ބެނާތައް ބޭނުންކޮށްފައިވެއެވެ.

މި ހަރަކާތުގެ ތެރެއިން ފަލަސްޠީނުގެ ޣާއްޒާގެ ރައްޔިތުންނަށް ދެމުންދާ ޢުދުވާނީ ޙަމަލާތައް މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލާފައިވެއެވެ. އަދި ޣައްޒާގެ މުސްލިމުންގެ މިހާރުގެ ޙާލަތާމެދު ކަންބޮޑުވުން ފާޅުކޮށް، އިންސާނީ އެހީ ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތަކަށް ހުރަސް އެޅުން ކުށްވެރިކޮށްފައިވެއެވެ. މީގެ އިތުރުން ފަލަސްޠީނު ރައްޔިތުންގެ މިނިވަންކަމަށްވެސް ގޮވައިލިއެވެ.

މާލޭގެ ބޮޑެތި މަގުތަކުގައި ކުރިއަށްގެންދިޔަ މި ސައިކަލު ބުރު ނިންމާލާފައިވަނީ ރަސްފަންނު ސަރަޙައްދުގައެވެ. ހަރަކާތް ނިންމާލުމުގެގޮތުން ފަލަސްޠީނު ރައްޔިތުންނަށް ނަޞްރުދެއްވުމަށް އެދި ޚާއްސަ ދުޢާއެއް ކުރިއެވެ.

ފަލަސްޠީނުގެ ޣައްޒާގައި ހިނގަމުންދާ ޢުދުވާނީ ޙަމަލާތަކުގައި މިހާތަނަށް 62،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާކަމަށް ވަނީ ރިޕޯޓުކުރެވިފައެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%