ތުރުކީވިލާތުގެ އަންތާލިޔާގައި މިހާރު ކުރިއަށްދާ 4 ވަނަ އަންތާލިޔާ ޑިޕްލޮމަސީ ފޯރަމްގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ބައިވެރިވެވަޑައިގެންފިއެވެ.
މި ދަތުރުފުޅަކީ ތުރުކީގެ ޚާރިޖީ ވަޒީރު ހަކާން ފިދާންގެ ދަޢުވަތަކަށް ވަޒީރު ޚަލީލް ކުރައްވާ ދަތުރުފުޅެކެވެ.
ފޯރަމްގެ ތެރޭގައި ޖަޕާނުގެ ސަސަކާވާ ޕީސް ފައުންޑޭޝަނާ ގުޅިގެން "ޖިއޯސްޓްރެޓެޖިކް ޑައިނަމިކްސް އިން ދަ އޭޝިއާ ޕެސިފިކް" ގެ ނަމުގައި ބޭއްވި މަތީ ފެންވަރުގެ ޕެނަލް ޑިސްކަޝަންގައި ވަޒީރު ބައިވެރިވެވަޑައިގެންނެވިއެވެ. މި ޕެނަލްގައި ސަސަކަވާ ޕީސް ފައުންޑޭޝަންގެ ރައީސް ޑރ. އަޓްސުޝީ ސުނާމީއާއި ސްޓޮކްހޯމް ސެންޓަރ ފޮރ ސައުތު އޭޝިއަން އެންޑް އިންޑޯ ޕެސިފިކް އެފެއާޒްގެ ހެޑް ޕްރޮފެސަރ ޖަގަނަތު ޕަންޑާވެސް ބައިވެރިވެވަޑައިގަތެވެ.
ވަޒީރު ވަނީ އޭޝިއާ ޕެސިފިކް ސަރަޙައްދުގެ ޖިއޮޕޮލިޓިކަލް ލޭންޑްސްކޭޕްގެ ބަދަލުވަމުންދާ ގޮތުގެ މަޢުލޫމާތު ޙިއްޞާކުރައްވައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުދި ޖަޒީރާ ޤައުމުތަކަށް ކުރަމުންދާ ނޭދެވޭ އަސަރުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ދުނިޔެއަށް ކުރިމަތިވަމުންދާ ނުރައްކާތަކުން އަރައިގަތުމަށް މަޝްވަރާއާއި ޑިޕްލޮމެސީގެ މުހިންމުކަން ފާހަގަކުރައްވައި، ސަރަޙައްދީ އަދި މަލްޓިލެޓަރަލް ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ދައުރުވެސް ފާހަގަކުރެއްވިއެވެ.
މި ފޯރަމް ކުރިއަށްދާނީ މިމަހުގެ 11 އިން 13 އަށެވެ. ފޯރަމްގެ ތެރޭގައި ހިމެނޭ މުހިންމު ބައްދަލުވުންތަކުގެ އިތުރުން، ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާ އެހެން ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާއި އިސް މަންދޫބުންނާ ވެސް ވަޒީރު ޚަލީލް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.