"ހޮޅުދޫ ބޯޓު" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއްގައި ރޯވި ހާދިސާގައި ކަނޑަށް ގެއްލުނު އުމުރުން 25 އަހަރުގެ ޢަލީ މުޝްފިޤްގެ މައްޗަށް ކަށު ނަމާދުކުރެވޭނީ އޭނާ މަރުވެއްޖެކަމަށް ގާޟީއަކު ކަނޑައެޅުމުން ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙަައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ މާދަމާ މުޝްފިޤްގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރަން މާވަށުގައި ނިންމާފައި ވަނިކޮށެވެ. ވަޒީރު ވިދާޅުވީ ކަނޑަށް ވެއްޓި ގެއްލި ހޯދަން އުޅެ ނުފެނިފައިވާ މީހަކު މަރުވެފައިވާކަމަށް ބަލައި، ޣައިބަށް ކަށު ނަމާދު ކުރުމާމެދު ޢަމަލުކުރާނެ ގޮތާ މެދު ބައެއް ފަރާތްތަކުން ސުވާލުކުރަމުން އަންނަ ކަމަށެވެ.
ވަޒީރު ވިދާޅުވީ މިފަދަ ޙާލަތުގައި އެމީހާ ގެއްލުމާއި މަރާމެދު އޮތް މައްސަލަ ހުށަހަޅަންވާނީ ޤާޟީއަށް ކަމަށެވެ. އަދި ކަން ހިނގައިދިޔަ ގޮތް ބަލައި އޭނާ މަރުވެއްޖެކަމަށް ޤާޟީ ކަނޑައަޅައިފި ނަމަ، އެމީހާގެ މައްޗަށް ކަށު ނަމާދު ކުރުމަކީ ހުއްދަކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
މިކަމުގައި ޤާޟީގެ ޙުކުމެއް އޮންނަންޖެހޭ ސަބަބަކީ މަރަކީ އޭގެ މައްޗަށް ޝަރުޢީ ވަރަށް ގިނަ ކަންކަން ތަރުތީބުވާ ކަމަކަށްވާތީ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"މިސާލަކަށް ގެއްލިފައިވާ މީހަކު ނަމަ އެމީހާއަކީ މީހަކާ އިނދެގެން އުޅޭ މީހަކު ކަމުގައި ވެސް ވެދާނެ. ނުވަތަ ދަރީން ތިބި މީހަކު ކަމުގައި ވެސް ވެދާނެ. ނުވަތަ މައިންބަފައިންނާއި އެއްބަނޑު މީހުން ތިބި މީހެއްކަމުގައި ވެދާނެ. އެމީހުންނަކީ އޭނާގެ ވާރުތަ ވެރިން. އޭނާއަކީ އެމީހުންގެ ވާރުތަ ވެރިއެއް. މަރުވެއްޖެ ކަމަށް ކަނޑައެޅިއްޖެ ނަމަ މިހުރިހާ ކަމެއްގެ ޙުކުމްތަކަށް ޝަރުޢީ ގޮތުން އަސަރުކުރާނެ. ވަރަށް ބޮޑެތި ބަދަލުތައް އަންނާނެ." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އޭނާގެ އަނތްބަކު ވާނަމަ، އެކަނބުލޭގެ ޢިއްދަ ހަމަކޮށް އެހެން މީހަކާ އިނުން ހުއްދަވާނެ ކަމަށެވެ. އޭރުން، ގެއްލުނުމީހާ ވުޖޫދުގައި ނެތް މީހަކަށްވީ ކަމަށާއި، ޤާޟީގެ މި ޙުކުމަށް ފަހު، ދުވަސްތަކެއް ފަހުން އޭނާ އެނބުރި އަތުވެއްޖެނަމަ އެ ދެމެދުގައި އޭނާގެ ކަންކަމާ މެދު ހިނގާފައިވާ ކަންކަން ޞައްޙަވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އޭނާގެ އަނބިމީހާ ވެސް އެހެން މީހަކާ އިނދެގެން ހުރެއްޖެ ނަމަ އަނބުރައި އޭނާގެ ގާތަށް ދިއުމެއް ނޯންނާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. ގެއްލުނު މީހަކީ، މީހަކާ އިނދެގެން ނެތް މީހަކު ކަމުގައި ވިޔަސް އޭނާގެ މަރާ މެދު ގޮތް ނިންމަންވާނީ ޤާޟީ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ކަނޑަށް ވެއްޓި ގެއްލި ހޯދައި ނުފެނިފައިވާ މީހާއާމެދު ގޮތް ނިންމަންވާނީ ޤާޟީ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ޤާޟީ ގޮތް ނިންމާނީ ގެއްލުނު ޙާލަތުގެ މައްޗަށް ނަޒަރު ހިންގައި ހޯދަން ކުރި މަސައްކަތުގެ މައްޗަށް ބަލައި މުޅި މައްސަލައިގެ ހަފަރާތް ބެލުމަށް ފަހުގައި ކަމަށާއި، ގެއްލުނު މީހާ މަރުވެފައިވާ ކަމަށް ޤާޟީ ކަނޑައަޅައިފި ނަމަ އޭނާގެ މައްޗަށް ކަށު ނަމާދު ކުރެވިދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އޭނާގެ މުދާ ވާރިސުންގެ މެދުގައި ބެހޭނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ ބައެއް އިލްމުވެރިން ބަޔާންކުރައްވާފައިވާ ގޮތުގައި ގެއްލިފައިވާ މީހާއާމެދު ޙުކުމެއް ކަނޑައަޅަންވާނީ ގެއްލުނުތާ ހަތަރު އަހަރު ފަހުން ކަމަށެވެ. ނަމަވެސް ކަނޑަށް ވެއްޓި ގެެއްލިފައިވާ މީހާ، މަރުވެފައިވާ ކަމަށް ބޮޑަށް ބުރަވެވޭނަމަ ހަތަރު އަހަރު ނުވިޔަސް ޤާޟީ އަށް ގޮތެއް ކަނޑައެޅިދާނެ ކަމަށް ދެކޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.