މުދަލުގެ ޙައްޤަކީ އެ މުދަލުން ޒަކާތް ދިނުން: ޚުޠުބާ

އައިޝަތު ރުވާ ރިފްޢަތު | 1 ދުވަސް ކުރިން - 18 އޭޕްރިލް 2025 13:08
ހުކުރު ޚުޠުބާގެ ވަގުތު/ ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ހުކުރު ޚުޠުބާގެ ވަގުތު/ ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޚުލާސާ

ތަނަވަސްކަމުގެ އަހުލުވެރީންނާއި، ގައިބާރު ހުރެ މަސައްކަތްކުރުމުގެ ކުޅަދާނަކަން ލިބިފައިވާ މީހުން ޒަކާތުގެ ފައިސާ ނެގުމަކީ އިސްލާމްދީން ނަހީކުރައްވާފައިވާ ކަމެއް ކަމަށް ޚުޠުބާގައި ފާހަގަކުރި.

މުދަލުގެ ޙައްޤަކީ އެ މުދަލުން ޒަކާތް ދިނުންކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

ޚުޠުބާގައި ބުނީ ޒަކާތަކީ މުއްސަނދީންގެ މުދަލުން ނަގައި އޭގެ ޙައްޤުވެރީންނަށް އަދާކޮށްދިނުމަށް އިސްލާމްދީނުގައި ފަރުޟުކުރައްވާފައިވާ އަޅުކަމެއްކަމަށެވެ.

ޒަކާތުގެ މަޤްޞަދަކީ އޭގެ ޙައްޤުވެރީންނަށް ދާއިމީ ފުދުންތެރިކަމެއް ހޯދައިދިނުން ކަމަށާއި އެބައިމީހުން ސަލާންޖަހައި ނޫޅޭނެހެން ފުދުންތެރިބަޔަކަށް ހެދުންކަމަށް ޚުޠުބާގައި ބުންޏެވެ.

ޒަކާތުގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ފައިދާތަކާ ބެހޭގޮތުން ޚުޠުބާގައި ބުނީ ޒަކާތުގެ ހަރުދަނާ ނިޒާމެއް ޤާއިމުކުރެވިއްޖެ ނަމަ، ކުރާނެ މަސައްކަތެއް ނުވަތަ އަދާކުރާނެ ވަޒީފާއެއް ނެތިފައި ތިބި އެތައް ބަޔަކަށް އާމްދަނީ ހޯދޭނެ މަގުތައް ތަނަވަސްވާނެކަަމަށެވެ. އަދި އޭގެ ސަބަބުން އުފެއްދުންތެރިކަމުގެ މިންވަރު އިތުރުވާނެކަމަށް ވެސް ޚުޠުބާގައި ބުންޏެވެ.

މީގެއިތުރުން ޚުޠުބާގައި ބުނީ ޒަކާތަކީ ދައުލަތުން ރާވައި ހިންގަންޖެހޭ ނިޒާމެއް ކަމަށެވެ. "ޒަކާތަކީ ދައުލަތާއި ފަރުދުންނާ ދެމެދު އޮންނަ ގުޅުމެކެވެ. ތަނަވަސްކަމުގެ އަހުލުވެރީންގެ ރައުސްމާލުން އުނިކޮށް ދައުލަތަށް ނަގާން ޖެހޭ އެއްޗެކެވެ," ޚުޠުބާގައި ބުންޏެވެ.

ޚުޠުބާގައި ބުނީ ތަނަވަސްކަމުގެ އަހުލުވެރީންނާއި، ގައިބާރު ހުރެ މަސައްކަތްކުރުމުގެ ކުޅަދާނަކަން ލިބިފައިވާ މީހުން ޒަކާތުގެ ފައިސާ ނެގުމަކީ އިސްލާމްދީން ނަހީކުރައްވާފައިވާ ކަމެއް ކަމަށެވެ. އަދި އިސްލާމްދީން ބާރުއަޅަނީ ޙަލާލު މަސައްކަތުން ރިޒުޤު ހޯދުމަށެވެ. ކުރާނޭ މަސައްކަތެއް އޮވެފައި، ހަށިގަނޑުގައި ވަރުހުރި ނަމަ، އެ ފަދަ މީހަކު ޒަކާތް ލިބިގަތުން ހުއްދައެއް ނުވާނެކަމަށް ޚުޠުބާގައި ބުންޏެވެ.

ޚުޠުބާގައި ޒަކާތުގެ ނިޒާމާ ބެހޭގޮތުން ބުނީ ޒަކާތުގެ ޝަރުޢީ މަޤްޞަދުތައް ޙާޞިލުކުރެވޭނީ ތަނަވަސްކަމުގެ އަހުލުވެރީން، އެބައިމީހުންގެ މައްޗަށް ފަރުޟުކުރައްވައިފައިވާ މުދަލު ޒަކާތް އަދާކޮށްގެންކަމަށެވެ. މި އުންމަތަކީ އެއް އުންމަތެއްކަމަށާއި އެއް މުސްލިމަކީ އަނެއް މުސްލިމާގެ އަޚެއްކަމަށް ޚުޠުބާގައި ނަސޭހަތްތެރިވިއެެވެ.

ޚުޠުބާގައި ބުނީ އިސްލާމީ ރިވެތި އުޞޫލަކީ ތިމާއަށް ތަނަވަސްކަމެއް ލިބިފައިވާ ނަމަ، އެ ތަނަވަސްކަމުން މިންވަރެއް ހޭދަކޮށްގެން ތިމާގެ މުސްލިމް އަޚާއަށް އެހީތެރިވުންކަމަށެވެ.

ޒަކާތް ދެއްކުމުގެ ޝަރުޠުތައް ފުރިހަމަވާ އެންމެހައި ފަރާތްތަކަށް ޒަކާތް ދެއްކުމަށް ޚުޠުބާ ގޮވާލިއެވެ. އަދި ޒަކާތާ ބެހޭ ޝަރުޢީ އަދި އިދާރީ ކަންކަން އޮޅުންފިލުވައި ނަފުސު ހޭލުންތެރިކުރުވުމަށް އެންމެންނަށް ޚުޠުބާގައި ވަނީ ނަސޭހަތްތެރިވެފައިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%