ފުލުހުންގެ ބަންދުގައި ހުއްޓާ އަމިއްލައަށް މަރުވާން މަސައްކަތް ކޮށްގެން ފަރުވާދެމުން އައި މީހާ މިއަދު މަރުވެއްޖެއެވެ.
އޭނާ މަރުވެފައިވަނީ ކުޅުއްދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގައި ފަރުުވާ ދެމުންދަނިކޮށެވެ.
ކޭއާރުއެޗުގެ އޮފިޝަލަކު ވިދާޅުވީ އޭނާ މިއަދު 15:18ގައި މަރުވެފައިވާ ކަމަށެވެ.
ފުލުހުން ބުނީ މިދިޔަ ހުކުރު ދުވަހުގެ ރޭ އަމިއްލައަށް މަރުވާން މަސައްކަތް ކޮށްފައިވަނީ ހދ. ކުޅުދުއްފުށީ ޕޮލިސް ކަސްޓޯޑިއަލްގައި ހައްޔަރުގައި ހުރި މީހެއް ކަމަށެވެ.
އެމީހާއަކީ މަސްތުގެ ހާލަތުގައި ހުރެގެން ގޭގެ މުދަލަށް ގެއްލުންދީ ހަމަނުޖެހުން ހިންގި މައްސަލައަކާ ގުޅިގެން މި މަހުގެ 2 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 34 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
މި ހާދިސާއާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއެކު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަދި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް މި ހާދިސާގެ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވެއެވެ.
މީގެ އިތުރުން މި ހާދިސާ ހިނގާފައިވާ ގޮތުގެ އެތެރޭގެ ތަޙުޤީޤެއް ޕްރޮފެޝަނަލް ސްޓޭންޑަރސް ކޮމާންޑުން ޚާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދަމުން އަންނަ ކަމަށްވެސް ފުލުހުން މީގެ ކުރިން ބުނެފައިވެއެވެ.