ހދ. ހަނިމާދޫގައި ބިނާކުރަމުންދާ މިސްކިތުގެ ނުނިމިހުރި މަސައްކަތް ނިންމުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ޙަވާލުކޮށްފިއެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން އެމްޓީސީސީއާ އެކު އެކުލަވާލި މި އެއްބަސްވުމުގެ ދަށުން ހަނިމާދޫގައި މިހާރު މަސައްކަތް ހުއްޓިފައިވާ މިސްކިތުގެ ނުނިމިހުރި ހުރިހާ މަސައްކަތްތަކެއް ނިންމުން ހިމެނެއެވެ.
މި މަޝްރޫޢު އެމްޓީސީސީއާ ޙަވާލުކުރުމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގައި ބޭއްވުނު ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީއެވެ. އަދި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރުގެ ނައިބު އިބްރާހީމް އާސިމެވެ.
ހަނިމާދޫގައި މިސްކިތް ތަރައްޤީކުރަނީ 7933 އަކަ މީޓަރުގެ ސަރަޙައްދެއްގައެވެ. މި މިސްކިތަކީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މަޝްރޫޢު ޙަވާލުކޮށްފައިވަނީ 9.44 މިލިއަން ރުފިޔާއަށް 360 ދުވަސްތެރޭ ނިންމުމަށެވެ.
2645 މީހުންގެ ބޮޑު އާބާދީއެއް ދިރިއުޅޭ ހަނިމާދޫއަކީ އެއަރޕޯޓެއް ޤާއިމްކުރެވިފައިވާ ރަށެއްކަމުން ގިނަ ޢަދަދެއްގެ ބަޔަކު އެރަށަށް ޒިޔާރަތްކުރެއެވެ. މި މިސްކިތް ނިމުމުން ރަށުގެ އާބާދީއަށާއި ޒިޔާރަތްކުރާ ފަރާތްތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.