ދ. އަތޮޅުގެ ރަށްތަކުގެ ރައްޔިތުން ދަތުރުދިޔުމަށް އެ އަތޮޅު އުއްދޫ ހުޅުވާލުމުގެ މަސައްކަތް ފަށައިފި އެވެ.
އުއްދޫ އަކީ ދ. އަތޮޅު ރައްޔިތުން ދަތުރުދާ ރަށެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމަޖެއްސެވީ އެމަނިކުފާނު މި އަހަރު އެ އަތޮޅަށް ކުރެއްވި ދަތުރުފުޅުގަ އެވެ.
ޕަބްލިކްސް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ދަތުރުދިއުމަށް އެ ރަށް މި މަހުގެ 15 ވަނަ ދުވަހު ހުޅުވާލުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
މިނިސްޓަރު އާދަމް ޝަރީފް އެގޮތަށް ވިދާޅުވީ އިއްޔެ އެ މިނިސްޓްރީގެ މުވައްޒަފުންނާ އެކު ބޭއްވި ބައްދަލުވުމުގަ އެވެ.
މި ވަގުތު ފޯރުކޮށްދެވެން ހުރި ހުރިހާ ހިދުމަތްތައް އުއްދޫގައި ހަމަޖައްސަވައި ދެއްވައި، މި މަހު 15 ވަނަ ދުވަހު އުއްދޫ ހުޅުވާލަން ނިންމަވައިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓްރީން ބުނީ ދަތުރުދާ ރަށެއްގެ ގޮތުގައި އުއްދޫ ހުޅުވައިލާއިރު، ހިދުމަތްތައް އެންމެ ފުރިހަމައަށް ލިބެން ނެތް ނަމަވެސް, ކައިރި ތާރީހެއްގައި މިނިސްޓްރީގެ ރެކްރިއޭޝަން ކުލަބާ އެ ރަށް ހަވާލުކޮށް, ރަށުގެ ކޮންސެޕްޓް ޕްލޭނެއް އެކުލަވާލައި, ދަތުރުދާ ފަރާތްތަކަށް އެކަށޭނެ ހިދުމަތްތައް ގާއިމްކުރުމުގެ މަސައްކަތް ފަށާނެ ކަމަށެެވެ.
މި ވަގުތު ވެސް އުއްދޫ ބެލެހެއްޓުމުގެ މަސައްކަތް އެ މިނިސްޓްރީގެ މުވައްޒަފުން ކުރަމުން އަންނަ ކަމަށް މިނިސްޓްރީން ބުންޏެވެ.