ފުލުހުންގެ ޓީމެއް އިންޑިއާ އަށް ގޮސްގެން, ނ. ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ ވާޗުއަލް އޮޓޮޕްސީއެއް މިދިޔަ ހަފްތާގައި ހަދައިފި އެވެ.
ވާޗުއަލް އޮޓޮޕްސީއަކީ ލެބޯޓަރީ ޓެސްޓުތަކާއި ފޮރިންސިކް ފަދަ ވަސީލަތްތައް ބޭނުންކޮށްގެން، މަރުގެ ސަބަބު ދެނެގަތުމެވެ. މިއީ ހަށިގަނޑަށް އައިސްފައިވާ އެކި ބަދަލުތައް ދެނެގަނެ އަނިޔާ ލިބުމަށް މެދުވެރިވި ސަބަބު ހޯދޭނެ ގޮތެކެވެ.
މި އޮޓޮޕްސީގެ ނަތީޖާ އަދި ހާމައެއް ނުކުރެއެވެ.
ޒަކިއްޔާ މަރުވެފައި އޮއްވައި ފެނުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 10 ވަނަ ދުވަހުގެ ހެނދުނު 10:00 ހާއިރު، އޭނާ ދިރިއުޅޭ ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއް ކައިރިންނެވެ.
ޒަކިއްޔާގެ މަރާއި ގުޅިގެން މިދިޔަ އަހަރު ފުލުހުން ބުނީ އޭނާ މަރުވީ ކަރަށް ލިބުނު ޒަހަމްތަކާ ގުޅިގެން ކަމަށެވެ. ކަރުގައި ފުންކޮށް ޒަހަމްތަކެއް ހުރި ކަމަށާއި ކަރުގެ ވާތް ފަރާތުގައި ފުންކޮށް ތިން ޒަހަމެއް އަދި ކަނާތް ފަރާތުގައި ފުންކޮށް ދެ ޒަހަމެއް ހުރި ކަމަށް އޭރު ފުލުހުން ވިދާޅުވި އެވެ.