ދުންފަތާއިގުޅޭ ރައީސްގެ ފޯމިއުލާ ތައާރަފުކުރުމަށް އ.ދ އާއެކު މަޝްވަރާކޮށްފި

އަހްމަދު އީޒާން | 8 ދުވަސް ކުރިން - 8 އޭޕްރިލް 2025 10:46
ހެލްތު މިނިސްޓްރީން ޑަބްލިއުއެޗްއޯ އާއި ޔުނިސެފާއެކު ބޭއްވި މަޝްވަރާ ބައްދަލުވުން / ފޮޓޯ: ހެލްތު މިނިސްޓްރީ
ހެލްތު މިނިސްޓްރީން ޑަބްލިއުއެޗްއޯ އާއި ޔުނިސެފާއެކު ބޭއްވި މަޝްވަރާ ބައްދަލުވުން / ފޮޓޯ: ހެލްތު މިނިސްޓްރީ
ޚުލާސާ

ޖެނެރޭޝަނަލް ބޭން ކާމިޔާބުކަމާއެކު ތަންފީޒުކުރުމުގައި ސަމާލުކަން ދޭން ޖެހޭ ކަންކަމާ ގުޅޭ ގޮތުން އެ އިދާރާތަކުން އެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީއަށް ލަފާދިން.

ދުންފަތުން ރައްކާތެރި ޖީލެއް ރާއްޖޭގައި ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފޯމިއުލާ ކަމަށްވާ ޖެނެރޭޝަނަލް ބޭން ތައާރަފުކުރުމަށް ހެލްތު މިނިސްޓްރީން އ.ދ ގެ ކަމާއިގުޅޭ ގުނަވަންތައް ކަމަށްވާ ޑަބްލިއުއެޗްއޯ އާއި ޔުނިސެފްއާ އެކު މަޝްވަރާކޮށްފި އެވެ.

ހެލްތު މިނިސްޓްރީން މިއަދު ބުނީ ދުންފަތުން ރައްކާތެރި ޖީލެއް ބިނާކުރުމަށް ޖެނެރޭޝަނަލް ބޭން ތައާރަފުކުރުމަށް ކަމާ ގުޅުންހުރި ފަރާތްތަކުގެ ހިޔާލު ހޯދުމަށް ސަރުކާރުން ކުރަމުން އަންނަ މަޝްވަރާތަކުގެ ތެރެއިން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާއި ޔުނިސެފްގެ އޮފިޝަލުންނާއި މިނިސްޓަރު އަބްދުالله ނާޒިމް އިބްރާހިމް އިއްޔެ ބައްދަލުކުރައްވާފައިވާ ކަމަށެވެ.

ޖެނެރޭޝަނަލް ބޭން ކާމިޔާބުކަމާ އެކު ތަންފީޒުކުރުމުގައި ސަމާލުކަން ދޭން ޖެހޭ ކަންކަމާ ގުޅޭ ގޮތުން އެ އިދާރާތަކުން އެ ބައްދަލުވުމުގައި ލަފާ ދިން ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

ޒުވާން ޖީލު ދުންފަތާ ދުރުކުރުމަށް "ޖެނެރޭޝަނަލް ބޭން" ކަނޑައަޅެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރައްވާފައި ވަނީ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދާ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓްގެ ފުރަތަމަ އެޕިސޯޑުގައި މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ.

ޖެނެރޭޝަނަލް ބޭން ކަނޑައެޅުއްވުމުގައި ރައީސް ހުށަހަޅުއްވާ ގޮތްތައް އެމަނިކުފާނުގެ ރަސްމީ "އެކްސް" އެކައުންޓު މެދުވެރިކޮށް ވަނީ ހިއްސާކުރައްވައިފަ އެވެ. އަދި އެމަނިކުފާނު ހުށަހަޅުއްވާ ގޮތްތަކުގެ ތެރެއިން ގޮތެއް އިހުތިޔާރުކުރެއްވުމަށް ޕޯލްއެއް ވެސް ހުޅުވާލެއްވި އެވެ. އެއީ;

1. 2007 ވަނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުން.

2. 2004 ވަނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުން.

3. 2000 ވަނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުން.

ހެލްތު މިނިސްޓްރީން ބުނީ ރައީސް ދެއްވި އެ ތިން އިހުތިޔާރުގެ ހިކުމަތަކީ 18 އަހަރާއި 25 އަހަރާ ދެމެދުގެ އުމުރުފުރާގެ މީހުން ނުވަތަ ޒުވާނުން އެކަމުގެ ތެރޭގައި އެހާ ގިނަ ދުވަސް ނުވަނީސް، އެ ވަބާއިން ސަލާމަތްކުރަން ފަސޭހަވާނެ ކަމަށް ވާތީ ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%