ތަފާތު އެކި ދާއިރާތަކުން ރާއްޖެއާއި މޯލްޓާ އާއި ދެގައުމުގެ ގުޅުން ބަދަހިކުރުމަށް ފިޔަވަޅުތައް އެޅުމަށް މަޝްވަރާ ކޮށްފި ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ. މި މަޝްވަރާތައް ކޮށްފައި ވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް އެ ގައުމަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެ ގައުމުގެ ޤައުމުގެ ބޮޑުވަޒީރުގެ ނައިބު އަދި މިނިސްޓަރ ފޮރ ފޮރިން އެފެއާޒް އެންޑް ޓޫރިޒަމް، ޑރ. އިއަން ބޯގްއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
ބޮޑުވަޒީރުގެ ނައިބުގެ އޮފީހުގައި ބޭއްވި މި މަޝްވަރާތަކުގައި ތިމާވެށި ހިމާޔަތްކުރުމާއި، ފަތުރުވެރިކަމާއި، މަތީ ތައުލީމު ފަދަ މުހިންމު ބައެއް ދާއިރާތަކުން އެއްބާރުލުން ދިނުމަށް ވަނީ އަލިއަޅުވާލާފައެވެ.
މިނިސްޓްރީން ބުނީ، އިއާދަކުރަނިވި ހަކަތައަށް ބަދަލުވުން ފަދަ ދާއިރާތަކުގައި އެއްބާރުލުން ދިނުމުގެ މުހިންމުކަމަށް ވެސް ދެބޭފުޅުންގެ މަޝްވަރާތަކުގައި އަލިއަޅުވާލެއްވި ކަމަށެވެ. އަދި ފޮރިން އިންވެސްޓްމަންޓް އިތުރުކުރެވޭނެ މަގުތަކާއި ދެގައުމުގެ ދެމެދުގައި ވިޔަފާރީގެ ފުރުސަތުތައް އިތުރުކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރެއްވި އެވެ.