ހުޅުމާލޭގައި ގާއިމްކޮށްފައިވާ ހިޔާ ފްލެޓުތަކުގެ ހަތަރު ޓަވަރެއްގައި ލިފްޓު ހަރުކޮށް ޓެސްޓު ކުރުމުގެ މަސައްކަތް ފަށައިފި ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފިއެވެ.
ހިޔާ ޓަވަރުގައި އިތުރަށް ހަރުކުރަން ނިންމި ލިފްޓްތަކުގެ ތެރެއިން ހަތަރު ޓަވަރެއްގައި 8 ލިފްޓް ބަހައްޓާފައި ވެއެވެ. މި ލިފްޓުތައް ހަރުކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ މިކަމުގެ ތަޖުރިބާ ހުރި ޗައިނާގެ ޝެންޔަންގް ޔުއާންޑް އިންޓެލެކްޗުއަލް ގުރޫޕާއެވެ.
ހިޔާ ޕްރޮޖެކްޓްގައި ޖުމްލަ 16 ޓަވަރު އިމާރާތް ކުރި އެވެ. ކޮންމެ ޓަވަރެއްގައި 400އެއްހާ ފްލެޓް ހިމެނޭއިރު އެއީ 7,000 ވުރެ ގިނަ އެޕާޓްމަންޓެވެ. ކޮންމެ ޓަވަރެއްގެ އާބާދީ 2000އާއި ގާތްކުރެއެވެ.
މިހާރު ފްލެޓެއްގައި ހުންނާނީ 3 ނުވަތަ 4 ލިފްޓެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާއެކު ހިޔާ ޓަވަރުގައި އިތުރުކުރާ ލިފްޓުތަކުގެ ސަބަބުން އެތަނުގައި ތޮއްޖެހުން މަދުވެ ރައްޔިތުންނަށް ފަސޭހަވެގެންދާނެއެވެ.
އެޗްޑީސިން ބުނީ މި މަޝްރޫޢުގެ ދަށުން، ކޮންމެ ޓަވަރަކަށް އިތުރު ޕެސެންޖާ އަދި ސްޓްރެޗާ ލިފްޓެއް ހަރުކުރާނެ އެވެ. އަދި ޕެސެންޖާ ލިފްޓުގައި 14 މީހުންގެ ޖާގަ ހިމެނެ އެވެ. އަލަށް ހަރުކުރި 14 މީހުންގެ ޖާގައިގެ މިލިފްޓުތަކުގައި ލޮލަށް ފެނުމުން މަހުރޫމްވެފައިވާ މީހުންނަށް އެނގޭނެހެން ފްލޯ ނަމްބަރު ބްރެއިލް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.