މާބަނޑުދުވަސްވަރު ދެވޭ ޚިދުމަތްތަކަށް ޚާއްސަކޮށް ފަރުމާކޮށްފައިވާ "މެޓާނަލް ހެލްތް މޮޑިއުލް" މުރާޖައާކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ދުނިޔޭގެ ސިއްޙަތު ދުވަހުގެ މުނާސަބަތުގައި މިނިސްޓަރު ދެއްވި ޚިތޯބުގައި ވިދާޅުވީ މައިންނާއި ތުއްތު ކުދިންނަށް ލިބޭ ފަރުވާ އާއި ޚިދުމަތްތަކުގެ ރެކޯޑްތައް ހަރުދަނާކަމާއެކު ބަލަހައްޓާއި އެ މަޢުލޫމާތު ފަސޭހަކަމާ އެކު ދުވަހުންދުވަހަށް އަދާހަމަކުރުމަށް ޑިޖިޓަލް ޕްލެޓްފޯމުތަކުގައި ބެލެހެއްޓުމުގެ މަސައްކަތް ފެށިފައިވާ ކަމަށެވެ.
މި އަހަރުގެ ސިއްޙަތު ދުވަހުގެ ޝިއާރެއްގެ ގޮތުގައި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ ޝިއާރަކީ ''ހެލްތީ ބިގިނިންގްސް، ހޯޕްފުލް ފިއުޗާ'' އެވެ. އެ ޝިއާރުން ބާރުއަޅަނީ ދުޅަހެޔޮ ތުއްތު ކުއްޖަކު އުފަންވެ, ސިއްޙަތު ރަނގަޅު ކުއްޖެއްގެ ގޮތުގައި އެ ކުއްޖާ ހެދި ބޮޑުވުމުގެ މުހިންމު ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ސިއްޙީ ޚިދުމަތް ދޭ ފަރާތްތަކާއި ޚިދުމަތް މޮނިޓާ ކުރާ ފަރާތްތަކަށް ވެސް އެއް ނެޓްވޯކެއްގެ ތެރެއިން ފަސޭހައިން މަޢުލޫމާތު އަދާހަމަކުރުމަށް ބޭނުންކުރާ އޮންލައިން ޕޯޓަލްގެ ތެރެއަށް "ނެޝެނަލް އިމިއުނައިޒޭޝަން މޮޑިއުލް" އާއި "ޗައިލްޑް ނިއުޓްރިޝަން، ގްރޯތު އެންޑް ޑިވެލޮޕްމަންޓް މޮޑިއުލް" ތައާރަފުކޮށް, ބޭނުންކުރަމުން އަންނަ ކަމަށެވެ.
''އަދި މާބަނޑުދުވަސްވަރު ދެވޭ ޚިދުމަތްތަކަށް ޚާއްސަ ކުރެވިގެން ފަރުމާކުރެވިފައިވާ މެޓާނަލް ހެލްތް މޮޑިއުލް މުރާޖައާކުރުމުގެ މަސައްކަތްތައް މިހާރު ދަނީ ކުރެވެމުން,'' މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، އަމާޒަކީ މުސްތަޤުބަލުގައި މައިންނާއި ތުއްތު ކުދިންނަށް ލިބޭ ސިއްޙީ ފަރުވާ އާއި ޚޮދުމަތުގެ ރެކޯޑްތަކާއި ސިއްޙީ މަޢުލޫމާތު، އެ ޚިދުމަތް ހޯދާ އާންމު ފަރާތްތަކަށް ވެސް "މޯލްޑިވްސް އިންޓަގްރޭޓެޑް ހެލްތު އިންފޮމޭޝަން ސިސްޓަމް" މެދުވެރިކޮށް ބެލޭނެ އިންތިޒާމު ހަމަޖެއްސުމެވެ.
ރައްކާތެރި މައިންވަންތަ ކަމަށް އަދި ތުއްތު ދަރިފުޅުގެ ދުޅަހެޔޮ ސިއްޙަތަކަށް ވާސިލުވުމަށް މައިންބަފައިން ބާރުވެރިކޮށް، އެމީހުންގެ ދައުރު ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅަކަށް މިކަން ވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.