ދަރިންގެ ތަޢުލީމަކީ ޤައުމުގެ މުސްތަޤްބަލަށްޓަކައި ކުރެވޭ އެންމެ އަގުހުރި އިންވެސްޓްމަންޓް: ރައީސް

އައިޝަތު ރުވާ ރިފްޢަތު | 2 ދުވަސް ކުރިން - 09:52
ރައީސް ދަރިވަރުން ތަކަކާއި އެއްކޮށް ސެލްޕީއެއް ނަގަނީ/ ފޮޓޯ: ރައީސް އޮފީސް
ރައީސް ދަރިވަރުން ތަކަކާއި އެއްކޮށް ސެލްޕީއެއް ނަގަނީ/ ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

އެއްވެސް ރަށެއްގައި ހުރި އެއްވެސް ކުއްޖަކު ބާކީވިޔަ ނުދީ، ތަޢުލީމު ދިނުމުގެ ޙައްޤު ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަށް ސަރުކާރުން މަސައްކަތްކުރައްވަމުންދާނެ ކަމުގެ ޔަގީންކަންވެސް ރައީސް ދެއްވި.

ދަރިންގެ ތަޢުލީމަކީ ޤައުމުޤައުމުގެ މުސްތަޤްބަލަށްޓަކައި ކުރެވޭ އެންމެ އަގުހުރި އިންވެސްޓްމަންޓްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމާ ގުޅިގެން ފޮނުއްވެވި ޚިޠާބުގައެވެ.

މި ޚިޠާބުގައި ރައީސް މުޢިއްޒު ވަނީ ދިރާސީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ތަހުނިޔާއާއި ހެޔޮއެދުންތައް ކިޔަވާ ކުދީންނަށާއި، ބެލެނިވެރީންނަށް، އަދި ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ހީވާގި މުދައްރިސުންނަށާއި، ޚިދުމަތްތެރީންނަށް ފޮނުއްވާފައެވެ.

ރައީސް ވިދާޅުވީ އުނގަންނައިދިނުމަކީ، ދީނީ، ޤައުމީ، އިޖުތިމާޢީ އަދި އިންސާނީ ވާޖިބެއްއް ކަމަށެވެ. އަދި މާތްﷲގެ މޫރިތި ކަލާމްފުޅު، ކީރިތި ޤުރުއާނުން އެންމެ ފުރަތަމަ ބާވައިލެއްވުނު ބަސްފުޅަކީވެސް "އިޤްރައު" (ކިޔަވާށޭ) ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ތަޢުލީމީ ދާއިރާގެ ކުރިއެރުމާއި ކާމިޔާބީ އިތުރުކުރުމަށްޓަކައި ސަރުކާރުން ހުއްޓުމެއް ނެތި މަސައްކަތްކުރައްވަމުންދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ވަސީލަތްތަކާއި ޖާގައިގެ ގޮތުން ފަހި ސްކޫލް މާޙައުލުތައް ޤާއިމުކޮށްދެއްވައި، ޓީޗަރުންނަށް އިތުރު ތަމްރީނާއި ފުރުޞަތުތައް ހޯދައިދެއްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ދަރީންނަށް އާރުލާ ތަޢުލީމެއް ދެވޭނީ، މުޅި މުޖުތަމަޢުގެ ބައިވެރިވުން އެކަމުގައި އޮވެގެން ކަމަށެވެ. އަދި މި ފެށުނު ދިރާސީ އައު އަހަރު، ދިވެހި ލޮބުވެތި ރައްޔިތުން އެއް ރޫޙެއްގައި ތަޢުލީމީ ދާއިރާގެ ކުރިއެރުމާއި ކާމިޔާބީއަށް މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

އެއްވެސް ރަށެއްގައި ހުރި އެއްވެސް ކުއްޖަކު ބާކީވިޔަ ނުދީ، ތަޢުލީމު ދިނުމުގެ ޙައްޤު ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަށް ސަރުކާރުން މަސައްކަތްކުރައްވަމުންދާނެ ކަމުގެ ޔަގީންކަންވެސް ރައީސް ދެއްވިއެވެ.

ރައީސް މުޢިއްޒު ވަނީ ރާއްޖޭގެ ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރާ ހީވާގި މުދައްރިސުންނަށާއި، ޚިދުމަތްތެރީންނަށް އިޚްލާޞްތެރި މަސައްކަތްތަކެއް ކޮށްދެއްވުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ބެލެނިވެރިންނަށް އިލްތިމާސްކުރައްވަމުން، ދަރީންނަށް ރަނގަޅު ތަޢުލީމާއެކު ހަރުދަނާ ތަރުބިއްޔަތެއް ދެއްވުމުގައި އެންމެ ހިނދުކޮޅެއްވެސް ފަރުވާކުޑަ ނުކުރުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން، ރައީސް ވަނީ ހުރިހާ ދަރިވަރުންނަށް އަމާޒުކުރައްވައި، ކިޔެވުމަށް ޚާއްޞަކޮށް ޢުމުރުގައި ލިބޭ ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފައި، ބަސްއަހައި ހެޔޮލަފާ ދަރީންތަކެއްކަމުގައި ވުމަށް އިލްތިމާސްކުރައްވާފައެވެ.

ރައީސް އިތުރަށް ވިދާޅުވީ މާތްﷲ އިންސާނާއަށް ދެއްވި އެންމެ އަގުބޮޑު ޖައުހަރަކީ ބުއްދީގެ ނިޢުމަތްތްކަމަށާއި، ބުއްދީގެ ނިޢުމަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ސިކުނޑިތަކަށް ދެވޭ ކާނާއަކީ ތަޢުލީމު ކަމަށެވެ. އަދި ރަނގަޅު ތަޢުލީމެއް ނުދެވޭ ކޮންމެ މުޖުތަމަޢެއް ބަދަލުވެގެން ދާނީ، ތަހުޒީބުކަމެއް، ތަމައްދުނެއް ނެތް އަބާއްޖަވެރި ވެށްޓަކަށް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޚިޠާބު ނިންމަވާލައްވަމުން ރައީސް ވިިދާޅުވީ ކޮންމެ ޢުމުރެއްގައިވެސް އިތުރަށް ކަންކަން އުނގެނެން މަސައްކަތް ކުރުމަކީ، ކޮންމެ އިންސާނެއްގެވެސް ކާމިޔާބީއާއި ގުޅިފައިވާ އެންމެ ބޮޑު ސިއްރުކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%