ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް ހިޔާގެ ހުރިހާ ޓަވަރެއްގައި މިހާރު ހަރުކުރަމުން އަންނަ އިތުރު ލިފްޓުތައް ބެހެއްޓުމުގެ މަސައްކަތް އަންނަ ނޮވެމްބަރު މަހަށް ނިންމައި، ބޭނުންކުރަން ފަށާނެ ކަމަށް އެޗްޑީސީން މިއަދު ބުނެފިއެވެ.
އެޗްޑީސީގެ އެސިސްޓެންޓް ޑިރެކްޓަރު ހަސަން ޝަހީދު މިއަދު މީޑިއަތަކަށް ވިދާޅުވީ ހިޔާގެ ފުރަތަމަ ދެ ޓަވަރުގައި ހަރުކޮށްފައިވާ އިތުރު ލިފްޓުތައް އަންނަ މަހުގެ 12 ވަނަ ދުވަހު ބޭނުންކުރަން ފަށާނެ ކަމަށެވެ. އަދި ޓަވަރު ތިނަކާއި ހަތަރެއްގައި ހަރުކުރާ ލިފްޓުތައް އަންނަ މަސް ނިމުމުގެ ކުރިން ބޭނުންކުރަން ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝަހީދު ވިދާޅުވި ގޮތުގައި، މުޅި މަޝްރޫއުގެ 58 ޕަސެންޓް މިހާރު ވަނީ ނިމިފައެވެ.
ހުރިހާ ޓަވަރެއްގައި އިތުރު ލިފްޓު ހަރުކޮށް، މުޅި މަސައްކަތް އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމާލެވެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ހިޔާގެ 16 ޓަވަރުގައި ހަރުކުރާ އިތުރު ދެ ލިފްޓު ފަރުމާކޮށްފައި ވަނީ ލޮލަށް ފެނުމުން މަހުރޫމްވެފައިވާ މީހުންނަށް ބޭނުންކުރެވޭނެ ގޮތަށާއި ބަލި މީހުން އެރުވުމަށް ބޭނުންކުރާ ސްޓްރެޗާ ބެޑް ވެސް އެރުވޭނެ ގޮތަށެވެ. މިފަހަރު ހަރުކުރާ ކޮންމެ ލިފްޓަކަށް އެއްފަހަރާ 16 މީހުންނަށް އެރޭނެ އެވެ.
ހިޔާގެ ޓަވަރުތަކުގައި ލިފްޓު ހަރުކުރުމުގެ މަސައްކަތް ކުރަނީ ޗައިނާގެ ޝެންޔަންގް ޔުއާން އިންޓެލެކްޗުއަލް ގްރޫޕުންނެވެ.