ކުރިއަށް އޮތް ދެ ދުވަހުވެސް މޫސުން ގޯސްވާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.
މެޓް އިން ބުނީ މިހާރު ކުރަމުންދާ ވިއްސާރައަކީ ރާއްޖެ ސަރަޙައްދުގައި އުފެދިފައި އޮތް ލޯ ޕްރެޝަރ ޓްރަފެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެއް ކަމަށެވެ.
މިރޭ އަދި މާދަމާ ވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކަށް މޫސުން ގޯސްވާނެ ކަމަށާއި މޫސުން އަލިވާނެ ކަމަށް ލަފާކުރެވެނީ ހުކުރު ދުވަހުގެ ފަހުން ކަމަށް މެޓް އިން ބުންޏެވެ.
މާދަމާ ހެނދުނު 6:00 އާ ހަމައަށް ލަފާކޮށް ނެރެފައިވާ މޫސުމީ ސަމާލުގައި ބުނެފައިވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށެވެ.
ވައި ޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އިން ބުންޏެވެ.
މެޓް އިން ބުނީ އާދައިގެ ވަރަކަށް ކަނޑު ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ. އަދި ރާޅުގެ އުސްމިނުގައި 3 - 6 ފޫޓު ހުންނާނެ ކަމަށް މެޓް އިން ބުންޏެވެ.