ޗައިނާގެ ސަގާފަތާއި ތަރިކައިގެ ދާއިރާގެ މަތީ ފެންވަރުގެ ވަފުދެއްގެ ބޭފުޅުން ރާއްޖޭގެ ޤައުމީ ދާރުލްއާސާރަށް ޒިޔާރަތްކުރައްވައިފި އެވެ.
ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ މިނިސްޓްރީން ބުނީ މިނިސްޓަރު އާދަމް ނަސީރު އިބްރާހީމް އެ ވަފުދަށް ހޫނު މަރުހަބާއެއް ވިދާޅުވެ، އެ ބޭފުޅުންނާއެކު ތައާރަފު ބައްދަލުވުމެއް ވެސް ބާއްވާފައިވާ ކަމަށެވެ.
އެ ބައްދަލުވުމުގައި ދެ ފަރާތުން ވެސް ސަޤާފީ ތަރިކަ ރައްކާތެރިކުރުމާއި އެއިން އާމްދަނީ ހޯދުމާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މި ދާއިރާއާ މެދު ގެންގުޅުއްވާ ދެމެހެއްޓެވި ޒަމާނީ އާ ގޮތްތައް ތައާރަފުކުރުމުގެ ތަސައްވުރާއި ވިސްނުންފުޅު ހަޤީޤަތަކަށް ހެދުމަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުން ވެސް އެ ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަމަށެވެ.
ޤައުމީ ދާރުލްއާސާރުގައި ހުރި ތާރީޚީ ތަކެއްޗާ ބެހޭ ގޮތުން އެ ވަފުދުގެ ބޭފުޅުންނަށް މަޢުލޫމާތު ދެއްވާފައި ވަނީ މިނިސްޓްރީގެ ތާރީޚާ ބެހޭ މުޝީރު އަހްމަދު އަލާ ދީދީ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ ޒިޔާރަތުގައި ދާރުލްއާސާރުގެ އިތުރުން، ކަޅުވަކަރު މިސްކިތާއި ކަޅުއޮށްފުންމި ހިމެނޭ ސަރަޙައްދަށް ވެސް ވަފުދުގެ ބޭފުޅުން ވަޑައިގެންނެވި ކަމަށް މިނިސްޓްރީން ބުންޏެވެ.