އިންޓަގްރޭޓަޑް ޓޫރިޒަމަށް ހުވަދުއަތޮޅު ދެކުނުބުރީ ކަޑެވާރެހާ ތަރައްޤީކުރުމަށްޓަކައި އެ އަތޮޅު ހޯނޑެއްދޫގެ އިޚްތިޞާޞުން އެރަށް ވަކިކޮށް، ގދ. ހޯނޑެއްދޫގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް އެމަނިކުފާނު މިގޮތަށް ނިންމަވާފައިވަނީ، ޤާނޫނު ނަންބަރު 7/2010 ގެ 56-1 ވަނަ މާއްދާގެ (ހ) އިން، ދިވެހިރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިޚްތިޞާޞް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުގެ ދަށުން، އެ މަނިކުފާނު މިއަދު ނެރުއްވި، ނަންބަރު 10/2025 ވަނަ ޤަރާރުންނެވެ.
ގދ. ހޯނޑެއްދޫގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ގެނައި ބަދަލު ދައްކުވައިދޭ ޗާޓު ޖަދުވަލުކޮށް، މި ޤަރާރު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ.