ދެކުނު ކޮރެއާގެ ދުސްތޫރީ ކޯޓުން، ދުސްތޫރީ ބޮޑު ކުށެއް ކުރި ކަމަށް ސާބިތުވެ އެގައުމުގެ ރައީސް ޔޫން ސުކް ޔޯލް މަގާމުން ދުރުކޮށްފި އެވެ. މި ހުކުމަކީ ޑިސެމްބަރު 3، 2024 ގައި ޔޫން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ސިޔާސީ މަރުހަލާތައް ސަސްޕެންޑްކޮށް، މަޖިލިސް ތަޅުލައި، މީޑިއާގެ މިނިވަންކަން ހުއްޓުވުމަށް ފަހު ގާނޫނު ހަދާ މަޖިލީހުން ފާސްކުރި އިތުބާރު ނެތް ކަމުގެ މައްސަލައަކާ ގުޅިގެން ކުރި ދަޢުވާއެކެވެ.
ޔޫން ސުކް ޔޯލް މަގާމުން ދުރުކުރެއްވީ ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުންނެވެ. މިކަމާއި ކަންބޮޑުވެ އޭނާގެ ސަޕޯޓަރުން އިހުތިޖާޖު ކުރަމުންދާއިރު، މިއީ އެމެރިކާ އަޑީގައި އޮވެގެން ކުރި ކަމެއް ކަމަށް އެއްބަޔަކު ބުނަމުންދެއެވެ.
ޔޫންގެ ދިފާޢުގައި މިހާރު ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން.
ދެކުނު ކޮރެއާގެ އުއްތަމަ ފަނޑިޔާރު މޫން ޔަންގް ބައި ވިދާޅުވީ، ޔޫންގެ އަމަލަކީ "ޑިމޮކްރަސީއަށް ބޮޑު ގޮންޖެހުމެއް" ކަމަށާއި، ގާނޫނު އަސާސީގެ ހައްދުތަކުން ބޭރުން އޭނާ ގެންދެވީ ރިޔާސީ ބާރުތައް ބޭނުން ކުރައްވަމުން ކަމަށް ސާބިތުވާ ކަމަށެވެ. ކޯޓުން ފާހަގަކުރި ގޮތުގައި މިފަދަ އަމަލުތަކުގެ ސަބަބުން ދެކުނު ކޮރެއާގެ ސިޔާސީ މަންޒަރު ހަމަނުޖެހުމުގެ އިތުރުން އިގްތިސާދީ އަދި ޚާރިޖީ ސިޔާސަތަށް ވެސް ގެއްލުންތަކެއް ލިބި، އެމެރިކާއާއެކު ވިޔަފާރީގެ މުހިންމު މަޝްވަރާތަކަށް ބުރޫއަރާކަން ފާހަގަކޮށްލެވޭ ކަމަށެވެ.
އެ ހުކުމަށް ފަހު ބޮޑުވަޒީރު ހާން ޑޮކް ސޫ ވަނީ ވަގުތީގޮތުން ރައީސްގެ ބާރުތަކާއި ހަވާލުވެވަޑައިގެންފަ އެވެ. އޭނާ ވިދާޅުވީ މިނިވަން އިންސާފުވެރި ރިޔާސީ އިންތިހާބެއް ބާޢްވާނެ ކަމަށެވެ. 2022 ވަނަ އަހަރު ޔޫން އަތުން ހަނި ގޮތަކަށް ބަލިވި ޑިމޮކްރެޓިކް ޕާޓީގެ ލީ ޖޭ މިޔުންގް އަންނަނީ ވެރިކަމަށް ވާދަކުރަމުންކަން ވެސް ފާހަގަ ކުރެވެއެވެ.
ޔޫން ވެރިކަމުން ދުރުކުރުމަކީ ޑިމޮކްރެޓިކް ކާމިޔާބީއެއްގެ ގޮތުގައި އިދިކޮޅު ސަޕޯޓަރުން ފާހަގަކުރިއިރު، އޭނާއަށް ވަފާތެރި އެތައް ހާސް ބަޔަކު ވަނީ މުޒާހަރާ ކުރަމުންނެވެ.