އއ. ހިމަންދޫ ފަޅުގައި އޮތް ލޯންޗެއްގައި ރޯވެ އެ ލޯންޗު އަނދައި އަޑިއަށް ގޮސްފި ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މި ހާދިސާ ހިނގީ ރޭ ފަތިހު 5:50 ކަންހާއިރު ކަމަށާއި، އެ ހާދިސާގައި އަނދާފައި ވަނީ "ކައެލް ވިންގް" ކިޔާ ލޯންޗެއް ކަމަށެވެ.
އެނގިފައިވާ ގޮތުން އެ ހާދިސާ ހިނގިއިރު ލޯންޗުގައި 4 މީހުން ތިއްބެވެ. އޭގެތެރޭގައި ކުޑަކުއްޖަކު ވެސް ހިމެނެއެވެ.
މި ހާދިސާގައި ކެޕްޓަނާއި ކުޑަކުއްޖާ ފިޔަވައި ދެން ތިބި ދެ ފަޅުވެރިންމަށް ކޮންމެވެސް ވަރަކަސް އަނިޔާވި ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް މާ ބޮޑު އަނިޔާއެއް ނުލިބޭ ކަމަށް ފުލުހުން ބުންޏެވެ.
އެ ލޯންޗުގައި ރޯވި އަލިފާން ނިއްވާލެވިފައިވަނީ ފުލުހުންނާއި އެ ރަށުގެ ރައްޔިތުން ކުރި މަސައްކަތުން މިއަދު ހެނދުނު 6:26 ކަންހާއިރުއެވެ.
މި ހާދިސާގައި އެ ލޯންޗު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފައެވެ. އަދި ލޯންޗު ވަނީ އެ ރަށު ބަނދަރުގެ ތެރެއަށް އަޑިއަށް ގޮސްފައެވެ.
ފުލުހުން އަންނަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.