ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހުއްޓުވުމަށް މޯލްޑިވްސް އިމިގްރޭޝަނުން ހިންގާ އޮޕަރޭޝަންތަކުގައި ހިފެހެއްޓި 6,700 އަށް ވުރެ ގިނަ ބިދޭސީން މިހާތަނަށް ޑީޕޯޓްކޮށްފިއެވެ.
ދައުލަތުގެ މީޑިއާ, ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލްމަޖީދު އިބްރާހީމް ވިދާޅުވީ ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ފެށި މަސައްކަތާ އެކު، އެންމެ ބޮޑަށް ފާހަގަވި އެއް ކަމަކީ ބިދޭސީން ރާއްޖެއަށް ކުރަން އަންނަ މަސައްކަތް ނޫން އެހެން މަސައްކަތްތަކުގައި އުޅޭ މައްސަލަ ކަމަށެވެ.
ޤަވާޢިދާ ޚިލާފުވެގެން މިހާތަނަށް ޑީޕޯޓުކުރި ބިދޭސީންގެ ތެރޭގައިވެސް އެންމެ ގިނައީ އެކަހަލަ މައްސަލަތަކުގައި ފޮނުވާލި މީހުން ކަމަށް މަޖީދު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ މި އޮޕަރޭޝަން ފެށިފަހުން މިހާތަނަށް 6,750 ބިދޭސީއަކު ޤަވާޢިދާ ޚިލާފަށް އުޅެމުންދާތީ ވާނީ ޑީޕޯޓުކޮށްފައި. މީގެ ތެރޭގައި ގިނައީ ރާއްޖެއަށް އެ މަސައްކަތެއް ކުރުމަށް އައި މަސައްކަތް ނޫން އެހެން ދާއިރާއެއްގައި މަސައްކަތްކުރާ ފަރާތްތައް." އޭނާ ވިދާޅުވިއެވެ.
ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން ވިސާއާ ޚިލާފަށް އުޅޭ ބިދޭސީން ހިފަހައްޓައި، ޑީޕޯޓްކުރަމުން އަންނައިރު، ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ބަޔޮމެޓްރިކްސް އެއްކުރުމުގެ މަސައްކަތް ހޯމް މިނިސްޓްރީން އަންނަނީ ކުރަމުންނެވެ.