ފާއިތުވި 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭ ވެހުނީ މ. މުއްޔަށް ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.
މެޓްގެ ތަފާސްހިސާބުތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރު ތެރޭގައި މ. މުއްޔަށް ވަނީ 53.5 މިލިމީޓަރުގެ ވާރޭ ވެހިފައެވެ.
ދެވަނައަށް އެންމެ ބޯކޮށް ވާރޭ ވެހުނު ހުޅުލެއަށް ވެހިފައިވަނީ 42.7 މިލިމީޓަރުގެ ވާރެ އެވެ. އަދި ތިންވަނައަށް އެންމެ ބޯކޮށް ވެހުނު ލ. ކައްދޫއަށް ވެހިފައިވަނީ 35.2 މިލިމީޓަރުގެ ވާރެ އެވެ.
ފާއިތުވި 24 ގަޑިއިރު ބޯކޮށް ވާރޭ ވެހުނު ވަރު ރިކޯޑު ކުރެވިފައިވާ ރަށްތައް. / ފޮޓޯ: މެޓް
މެޓް އިން ބުނެފައިވަނީ މިއަދުވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށާއި ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށް މެޓް އިން ވަނީ ލަފާކޮށްފައެވެ.
މިއަދު ވައިޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އިން ބުންޏެވެ.
މީގެ އިތުރުން ކަނޑުތައް އާދައިގެ ވަރަކަށް ގަފަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި، ރާޅުގެ އުސްމިނުގައި 3 - 6 ފޫޓު ހުންނާނެ ކަމަށް މެޓް އިން ބުންޏެވެ.
މެޓް އިން ވަނީ ގއ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހުދު ސަމާލުވެސް ނެރެފައެވެ. މިއަދު ހަވީރު 16:30އާ ހަމައަށް ނެރުނު ހުދު ސަމާލުގައި ބުނެފައިވަނީ އެ ސަރަޙައްދަށް ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މެޓް އިން ވަނީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.