ދިވެހިރާއްޖެ ހިމެނޭ ގޮތަށް ސްމޯލް އައިލެންޑް ޑިވެލޮޕްމަންޓް ސްޓޭޓްސް (އެސްއައިޑީއެސް/ސިޑްސް) އަށް ކުރިމަތިވެފައިވާ އިގްތިސާދީ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، ޑެޓް ސަސްޓެއިނަބިލިޓީ ސަޕޯޓް ސާވިސް (ޑީއެސްއެސްއެސް) ވަގުތުން ފެށުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފިއެވެ. އެމަނިކުފާނު މި އިލްތިމާސް ކުރެއްވީ އިއްޔެ އޮތް އެސްއައިޑީއެސް އަށް އެކުލަވާލާފައިވާ ސްޓްރެޓެޖިކް އެކްޝަން ގްރޫޕް (އެސްއޭޖީ) ގެ މަތީ ފެންވަރުގެ ބައްދަލުވުމުގައި ކޯ ޗެއާމަންކަން ކުރައްވަމުން ގެންދަވަނިކޮށެވެ.
ރައީސް ވިދާޅުވީ ޑީއެސްއެސްއެސްގެ ސަބަބުން ދެމެހެއްޓެނިވި ތަރައްގީ އާއި މާލީ ހަމަޖެހުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.
"ސިޑްސްގައި ހިމެނޭ ގިނަ ޤައުމުތަކަކީ މާލީގޮތުން ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާ، ނުވަތަ ކުރިމަތިވުމުގެ ބިރު އޮތް ޤައުމުތަކެއް. އަދި މޫސުމީ ބަދަލުތަކުގެ ނުރައްކާވެސް ކުރިމަތިވެފައިވާ ޤައުމުތަކެއް," ރައީސް މުޢިއްޒު ވިދާޅުވިއެވެ. "އެހެންކަމުން، ދެމެހެއްޓެނިވިގޮތެއްގައި ދަރަނި ބެލެހެއްޓޭކަން ކަށަވަރުކުރުމާއި، ވިލުންވެރި ތަރައްޤީ ކަށަވަރުކުރުމަކީ އެފަދަ ޤައުމުތަކަށް ހައްސާސް މައްސަލައެއް." ރައީސް ވިދާޅުވެފަވެއެވެ.
ދެމެހެއްޓެނިވި ގޮތެއްގައި ދަރަނި ބެލެހެއްޓުމަކީ ހަމައެކަނި އަދަދުތަކެއް ނޫން ކަމަށާއި އެއީ ފުރާނަ ސަލާމަތްކޮށް، އަޅުގަނޑުމެންގެ މުސްތަގުބަލު ރައްކާތެރިކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، ދަރަނީގެ ބުރަ ލުއިކޮށްދީ ރެސިލިއެންސް އަށް އިންވެސްޓްކުރާ ގައުމުތަކަށް އިސްކަން ދިނުމަށް "ޑިޓްރިމެންޓް ފޯ ރެސިލިއެންސް ބިލްޑިން މެކޭނިޒަމް" ތައާރަފް ކުރައްވަމުން ރައީސް ވިދާޅުވީ، މި އިސްނެގުމަކީ އަމާޒުކޮށްގެން ހިންގާ މަޝްރޫއުތައް ހިންގުމަށާއި ނާޒުކު އިގްތިސާދުތައް ކުރިއެރުވުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށެވެ.
ދުނިޔޭގެ އިންފްލޭޝަން އާއި އިގްތިސާދީ ޕްރެޝަރު ގަބޫލުކުރައްވައި، ދިގު މުއްދަތުގެ ހައްލެއްގެ ގޮތުގައި ޑީއެސްއެސްއެސް އަށް އިޝާރާތް ކުރެއްވި އެވެ. ރައީސް ސިފަކުރެއްވި ގޮތުގައި ކުރިއަށް އޮތް ހަތަރުވަނަ ބައިނަލްއަގްވާމީ ކޮންފަރެންސް އޮން ފައިނޭންސިން ފޯ ޑިވެލޮޕްމަންޓް (އެފްއެފްޑީ4) އަކީ ޑީއެސްއެސްއެސް އަށް ދުނިޔޭގެ ފެންވަރުގައި ބަލައިގަތުމަށް ލިބުނު ރަނުގެ ފުރުސަތެކެވެ.
ކުރީ ސަރުކާރުތަކުން ނެގި ބޮޑެތި ލޯނުތަކަށް ފައިސާ ދައްކަން ޖެހިފައިވަނީ މި ސަރުކާރުންނެވެ. އޭގެތެރޭގައި 2008 ގައި އައި އެމްޑީޕީ ވެރިކަމާއި އޭގެފަހުން އައި ރައީސް ޔާމީނުގެ ވެރިކަމާއި އަދި އެއަށްފަހު އައި އިބްރާހީމް ސާލިހުގެ ވެތިކަމުގައި ނެގި ލޯނުތައް ހިމެނެއެވެ.
އިޤްތިޞާދީ ދަތިކަމުގައި މިވެރިކަމަށް އަދި މިވީ ދެއަހަރެވެ. މި ދަތިކަމުގެ ތެރޭގައި ވެސް ސަރުކާރުން ގެންދަނީ މަސްވެރިން ބާނާ މަސް ރާއްޖެއިން ބޭރުކުރުމުގެ ކުރިން އެއަށް ދޭންޖެހޭ ފައިސާ ވެސް ދެމުންނެވެ. އަދި ރައްޔިތުންނަށް ދޭންޖެހޭ ހުރިހާ އަސާސީ ހައްގުތަކާއި ސަބްސިޑީތައްވެސް ދެމުންނެވެ.
ރައީސް ފޯކަސް ކުރައްވާ ކަންކަމުގެ ތެރޭގައި ޑީއެސްއެސްއެސް ފަދަ ހަރަކާތްތަކުގެ ތެރެއިން ދުނިޔޭގެ ސަޕޯޓާއި އިގްތިސާދީ ކުރިއެރުން ބިނާކުރުން ހިމެނެއެވެ.
ސިޑްސް އަކީ އެކުވެރި ދައުލަތްތަކުގެ 38 ޤައުމާއި، އ.ދ. ގައި ނުހިމެނޭ ނުވަތަ އެސޯސިއޭޓް މެންބަރުންގެ ގޮތުގައި ހިމެނޭ 20 ޤައުމެއްގެ މައްޗަށް އެކުލެވިފައިވާ ޖަމިއްޔާއެކެވެ.