ޢިލްމުވެރިޔާ މަގުފުރައްދާކަށް ޝައިޠާނާއަށް ފަސޭހައެއް ނުވާނެ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
ޚުޠުބާގައި ބުނީ ނުދަނެ ހުރެ އަޅުކަންކުރާ މީހަކަށް، ބާޠިލު ގޮތުގައި އަޅުކަމެއް ކުރުމަށް ޝައިޠާނާ ވިސްނައިދީފާނެ ކަމަށާއި، އެކަމުގެ ސަބަބުން އޭނާ މަގުފުރެދި، އެހެންމީހުން ވެސް މަގުފުރައްދަފާނެ ކަމަށެވެ. އަދި ޢިލްމުވެރިޔާ މަގުފުރައްދާކަށް ޝައިޠާނާއަކަށް ފަސޭހައެއް ނުވާނެ ކަމަށާއި އޭގެ ބަދަލުގައި އޭނާ، އޭނާއަށް ލިބިފައިވާ ޢިލްމުގެ މަތީގައި ސާބިތުވެ ހުރެ، އަނެކުން ވެސް ހެޔޮ މަގަށް އަޅުވަން މަސައްކަތްކުރާނެ ކަމަށް ޚުޠުބާގައި ބުންޏެވެ.
ޚުޠުބާގައި ބުނީ މާތް اللهއަށް އެންމެ ބޮޑަށް ބިރުވެތިވެ، ތަޤްވާވެރިވާ މީހުންނަކީ، ޢިލްމު އުނގެނި އެ ޢިލްމާ އެއްގޮތަށް ޢަމަލުކުރާ މީހުން ކަމަށެވެ.
މާތް الله ޢިލްމުވެރީންނަށް ޚާއްޞަކަމެއް ދެއްވައިފައިވާކަން ފާހަގަކޮށް ޚުޠުބާގައި ބުނީ އުނގެނުނު ޢިލްމާ އެއްގޮތަށް ޢަމަލުކުރާ ޢިލްމުވެރިޔާގެ ފަރާތުން މީސްތަކުންނަށް ކުރާ މަންފާ ބޮޑުވާނެ ކަމަށެވެ. އެއާ ޚިލާފަށް އަޅުވެރިޔާ ކުރާ އަޅުކަމުގެ ސަބަބުން މަންފާ ކުރާނީ ހަމައެކަނި އޭނާގެ އަމިއްލަ ނަފްސަށް ކަމަށް ޚުޠުބާގައި ބުންޏެވެ.
ޚުޠުބާގައި ބުނީ ޢިލްމުގެ މަޤާމު މަތިވެރި ކަމަށާއި، ޢިލްމު އުނގެނުމަށް، ނަބިއްޔާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ވަރަށް ބޮޑަށް ބާރު އެޅުއްވެވި ކަމަށެވެ. ބަދުރު ހަނގުރާމައިގެ އަސީރުން މިނިވަންވުމަށް ފިދުޔައިގެ ބަދަލުގައި މުސްލިމް ދިހަ ކުއްޖަކަށް ލިޔަންކިޔަން ދަސްކޮށްދިނުން ޝަރުޠު ކުރެއްވުމުން މިކަން ދޭހަވާ ކަމަށް ޚުޠުބާގައި ބުންޏެވެ.
ޚުޠުބާގައި ބުނީ ހެޔޮ ކަމަށް އެދޭ މީހުން ޝަރުޢީ ޢިލްމު އުނގެނުމަށް ވަގުތު ހުސްކުރުން މުހިންމު ކަމަށެވެ. ޢިލްމުވެރިޔާ މަރުވުމަށް ފަހުގައި ވެސް، އޭނާ އުނގެނި، އެހެން މީހުންނަށް ފޯރުކޮށްދީފައިވާ ޢިލްމެއްގެ ފައިދާ ކުރާނެކަމަށް ޚުޠުބާގައި ބުންޏެވެ.
މާތް ނަބިއްޔާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ އިރުޝާދުފުޅުތަކަށް ތަބަޢަވެ، ދީނުގެ ޢިލްމު ލިބިގަތުމަށް ގަދައަޅައި މަސައްކަތް ކުރުމަށް ޚުޠުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.